ޚަބަރު

ރާއްޖޭގައި ޔޫއޭވީ ޕައިލެޓުންނާއި އިންޖިނިއަރުން ތަމްރީންކުރަން ފަށަނީ


  • މި ޚިދުމަތުގައި މިހާރު ހަރަކާތްތެރިވާ ސިފައިން ތަމްރީންކޮށްފައިވަނީ ތުރުކީވިލާތުން

  • ކުރިއަށް އޮތްނުގައި ރާއްޖޭގައި ދިވެހި ސިފައިންގެ ތެރެއިން އެކަމަށް ޝައުގުވެރި މީހުން ތަމްރީން ކުރާނެ

މިއަހަރުގެ ތެރޭގައި ރާއްޖޭގައި ޔޫއޭވީ ޕައިލެޓުންނާއި އިންޖިނިއަރުން ތަމްރީން ކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ދިފާޢީ ވަޒީރު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.

2024ވަނަ އަހަރު އެމްއެންޑީއެފް އެއަރ ކޯރ އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތުގައި ވަނީ ބޭނުން ކުރަން ފަށާފައެވެ. މިއާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ.

މި ޚިދުމަތުގައި މިހާރު ހަރަކާތްތެރިވާ ސިފައިން ތަމްރީންކޮށްފައިވަނީ ތުރުކީވިލާތުންނެވެ. މިއާއެކު ޔޫއޭވީތައް ދުއްވުމާއި އިންޖިނިއަރިންގެ މަސައްކަތްވެސް ކުރަނީ ތަމްރީން ލިބިފައި ތިބި ދިވެހި ސިފައިންނެވެ.


ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ޓްރެއިނިން ސެންޓަރުން ޔޫއޭވީ ޕައިލެޓުންނާއި އިންޖިނިއަރުން ތަމްރީން ކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ނިންމާފައިވާކަމަށެވެ. އަދި ތަމްރީން ކުރާނެ ޔޫއޭވީ ޕައިލެޓުން ހޮވާނީ ސިފައިންގެ ތެރެއިން އެކަމަށް ޝައުގުވެރިވާ މީހުންކަމަށާއި މީހުން ހޮވުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުރަތަމަ އެއަރ ސްޓޭޝަން " ގަން އެއަރ ސްޓޭޝަން"ގައި ޔޫއޭވީ ދުއްވަން ދަސްކުރާ ސިމިއުލޭޓަރ ހުރިކަމަށާއި ވަރަށް ފަސޭހައިން ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދެވޭނެކަމަށެވެ. އަދި އެކުވެރި ޤައުމުތަކުގެ ތަޖުރިބާކާރު ބޭފުޅުން ރާއްޖެއަށް ގެނެސްގެންވެސް ތަމްރީން ކޯސްތައް ކުރިއަށްގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހި ސިފައިން ތައްޔާރުވަނީ ދިވެހި ޤައުމު ސަލާމަތް ކުރުމަށްޓަކައި. ބޭރުގެ ޤައުމުތަކުގައި ފަރުމާކޮށްފައިވާ ކޯސްތައް ހުންނާނީ އެމާހައުލަކާ ގުޅޭގޮތަށް. ނަމަވެސް މާނައަކީ ބޭރު ޤައުމުތަކުން ދަސްކޮށްގެން އަޅުގަނޑުމެންގެ އަމިއްލަ ޤައުމަށް އެކަން އެޑަޕްޓުކުރެވޭނެ. އެއީ އެންމެ ބޮޑަށް ސަމާލުކަން ދީގެން ކުރާނެ އެއްކަމަކީ. ބޭރުން ލިބޭ ތަމްރީންތައް ރާއްޖެއަށް ބޭނުންވާނެ ގޮތަށް ފަރުމާކުރުމަށްފަހު ސިފައިން ތަމްރީންކުރާނީ." ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގައި ބޭނުންކުރާ ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. މި ޔޫއޭވީތަކަކީ އިންޓެލިޖެންސް އޮޕަރޭޝަން، ސަރވައިލެންސް އޮޕަރޭޝަންތައް ކުރިއަށްގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ހިމާޔަތްކޮށް ދިފާޢުކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާއިން ކުރިއަށްގެންދާ ހުރިހާ އޮޕަރޭޝަނެއްގައިވެސް މި އުޅަނދުފަހަރު ބޭނުންކުރާނެއެވެ. އެހެންކަމުން ޤައުމުގެ ދިފާޢާއި ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި އޮޕަރޭޝަންތަކުގައި އަސްކަރިއްޔާގެ އެހެނިހެން ވަސީލަތްތަކެކޭ އެއްގޮތަކަށް ޙާލަތާއި ގުޅުންހުރި ހުރިހާ ވަސީލަތްތަކެއްވެސް އަދި ޤާބިލްކަންވެސް މި އުޅަނދުފަހަރުގައި ބޭނުންކުރާނެއެވެ.

އެއަރ ކޯގެ ޚިދުމަތާއިއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. މިއާއިއެކު ރާއްޖެއަށް ޤަވައިދާ ހިލާފަށް ވަންނަ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ.