ޚަބަރު

ފުލަމް ބަލިކޮށް ސިޓީން ފަރަގު ކުޑަކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ އާސެނަލް އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި އެވެ.

މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން ޖުމްލަ 53 ޕޮއިންޓް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނި 56 ޕޮއިންޓެވެ. މި މެޗުން ބަލިވި ފުލަމް އަށް ލިބިފައިވާ 34 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 12 ވަނައިގަ އެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސިޓީ އިން ޖެހި ތިން ލަނޑަކީވެސް މެޗުގެ ފުރަތަމަ ހާފުގައި ޖަހާފައިވާ ތިން ލަނޑެވެ.

މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 24 ވަނަ މިނިޓުގައި އެންޓޮއިން ސެމެންޔޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އޭނާ ސިޓީ އާއި ގުޅުނު ފަހުން އެ ޓީމަށް ކުޅުނު އަށްވަނަ މެޗުގައި ޖެހި ފަސްވަނަ ލަނޑެވެ.

އަދި އޭގެ ހަ މިނިޓު ފަހުން ނިކޯ އޮރެއިލޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 39 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ފުލަމް އާއި ދެކޮޅަށް ސިޓީ ކުޅުނު މި މެޗުން ފުލަމް ބަލިވެފައިވާއިރު އެންމެ ފަހުން މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް އެ ޓީމު ކުޅުނު 20 މެޗުންވެސް ވަނީ ބަލިވެފަ އެވެ.