ޚަބަރު

ޕެނަލްޓީގައި ބޮލޯނިއާ ބަލިކޮށް ލާޒިއޯ ސެމީއަށް


  • މެޗުގެ ފުރިހަމަވަގުތު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެން

  • ޕެނަލްޓީގައި ލާޒިއޯ މޮޅުވީ 1-4 އިން

  • ސެމީގައި ލާޒިއޯ ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށް

ކޮޕާ އިޓާލިއާގެ ކުއާޓަރ ފައިނަލުގައި ބޮލޯނިއާ ބަލިކޮށް ލާޒިއޯއިން ސެމީގެ ޖާގައެއް ހޯދައިފިއެވެ.

ކުއާޓަރ ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބޮލޯނިއާ އިންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަންޓިއާގޯ ކާސްޓްރޯއެވެ.

ލާޒިއޯއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ލާޒިއޯއިން ނަތީޖާ ހަމަހަމަކުރި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓިޖާނީ ނޮސްލިން އެވެ.

90 މިނެޓާއި އިތުރުވަގުތުގެ ކުޅުން ހަމަވި އިރުވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު ޕެނަލްޓީގައި ލާޒިއޯ ކުރިހޯދީ 1-4 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ލާޒިއޯއިން ޕެނަލްޓީ ފޮނުވާލި ހަތަރު ކުޅުންތެރިން ވެސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެހެންނަމަވެސް ބޮލޯނިއާގެ ރިކާޑޯ އޮރްސޮލީނީއާއި ލުވިސް ފާގަސަން އަށް ޕެނަލްޓީ ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މިއާއެކު ލާޒިއޯއިން ސެމީގެ ފަހު ޖާގަ ހޯދިއިރު ދެން ސެމީގެ ޖާގަތައް ހޯދީ ކޮމޯއާއި އިންޓާ މިލާންގެ އިތުރުން އެޓަލާންޓާއެވެ. ސެމީގައި ލާޒިއޯއާ ދެކޮޅަށް ނުކުންނާނީ އެޓަލާންޓާއެވެ.