މި ރަމަޟާންމަހު އިތުރުވާ ޑިމާންޑާއެކު އަގު ބޮޑުނުވެ ތަކެތި ލިބޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ރަމަޟާންމަހު ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ހެޔޮ އަގުގައި ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ކޮންސަލްޓެންޓް ޝުހާދު އިބްރާހިމް ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލްކޮށް ސްޓޭބަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ފާއިތުވި 2 އަހަރުގެ ތެރޭގައި ކުރެވިފައިވާކަމަށެވެ.
އެގޮތުން އާންމުކޮށް ގޭބީސީތަކުން ކެއިންބުއިމުގައި ބޭނުންކުރާ 160 އައިޓަމް ހިމެނޭ ލިސްޓެއް އެކުލަވާލާ ކޮންމެ ހަފްތާއަކު އެތަކެތީގެ އަގުތަކަށް އަންނަ ބަދަލު ދެނެގަންނަމުންދާ ޝުހާދު ވިދާޅުވިއެވެ. މީގެއިތުރުން މިދިޔަ އަހަރުގެ ތެރޭގައި ކުރިން 3 ބާވަތް އޮތް އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތް އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް މިދިޔަ އޮކްޓޫބަރ މަހުގެ ތެރޭގައި އެސްޓީއޯއިން ގެނެސް ބާޒާރުގައި މިހާރު ދަނީ ވިއްކަމުންނެވެ. ޝުހާދު ވިދާޅުވީ، މިއަހަރު ރަމަޟާންމަހަށް ތައްޔާރުވަމުން ދާއިރު އެސްޓީއޯއިން އާބާދީ 3000 އިން މަތީގައި ހުރި ކޮންމެ ރަށެއްގައި އެޖެންޓުން އަދި 3000 އިން ދަށުގެވެސް އެޖެންޓުންގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އިންނާނެކަން ޔަޤީންކުރާނެކަމަށެވެ. މާލެއާއި ހުޅުމާލޭގައި ޑިސްޓްރިބިއުޝަން ވެއަރހައުސްއެއް ހެދި މި ރަމަޟާންމަހަށް އެތަންތަން ބޭނުންކުރަން ފެށޭނެކަމަށް ޝުހާދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިބަލަނީ ރޯދަމަސް އަންނައިރު މިދިޔަ އަހަރެކޭ އެއްފަދައިން އެ އަންނަ ޑިމާންޑްގެ ޕުޝްއާއެކު އެ އަންނަ އަގު ބޮޑުވުން ކޮންޓްރޯލްކުރެވިގެންދާނެކަމަށް. ކުރިއަށްއޮތް ތަނުގައި ޑިސްޓްރިބިއުޝަން ނެޓްވޯކްވެސް ފުޅާކުރެވިގެން އަސާސީ ކާބޯތަކެތި ހެޔޮއަގެއްގައި އަދި ހަމަ ރަނގަޅު ކޮލެޓީގައި މެދުކެނޑުމެއްނެތި ލިބެން ހުންނާނެކަން ޔަޤީންކުރެވިގެންދާނެ." ޝުހާދު ވިދާޅުވިއެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި މީގެކުރިން އޮތީ، 3 ބާވަތެކެވެ. އެއީ ހަނޑޫ، ހަކުރު އަދި ފުށެވެ. މިކަން މިގޮތަށް އޮންނަތާ 60 އަކަށް އަހަރު ވަނީ ވެފައެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރ މަހުގެ ސަރުކާރުން ވަނީ، ރާއްޖެއަށް އެންމެ ގިނައިން އެތެރެ ކުރާ 10 ބާވަތުގެ މޭވާއާއި، 10 ބާވަތުގެ ތަރުކާރީ އަދި މުގާއި، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައެވެ.
މިދިޔަ 2 އަހަރުގެ ރަމަޟާންމަހުވެސް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ ހިފެހެއްޓިފައެވެ. އަދި މިއަހަރުގެ ރަމަޟާންމަހަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު ތަކެތީގެ އަގުތައް ހިފެހެއްޓޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.