ޚަބަރު

ނިމުނު ހަފުތާ: ޞިއްޙީ ދާއިރާއިން ކުރިއެރުން، ރައްޔިތުންނަށް ގިނަ ލުއިތަކެއް


  • ރައީސް ޖަރުމަނަށް ދަތުރުފުޅެއް ކުރެއްވި

  • ދެ އިންތިޚާބު އެއްކޮށްލަން ޤާނޫނުއަސާސީއަށް ހުށަހެޅި އިޞްލާޙު ފާސްކޮށްފައިވޭ

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާދިޔައެވެ. އެގޮތުން (8 ފެބުރުވަރީ) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެމަނިކުފާނު "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

ނިމުނު ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތަށް ވަނީ ދަތުރުފުޅެއް ކުރައްވާފައެވެ. މިމަހުގެ 9 އިން 13 ކުރެއްވި މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް ޝްޓައިންމަޔަރ ވަނީ ރަސްމީ ވާހަކަފުޅުތައް އިތުރަށް ފުޅާކުރައްވައި ދެމެހެއްޓެވުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަޤުވާމީ މައިދާންތަކުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކާއި، ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށެވެ.

ރައީސް ޖަރުމަނު ދަތުރުފުޅު:

- ރައީސުލްޖުމްހޫރިއްޔާއަށް ޖަރުމަނުވިލާތުން ރަސްމީކޮށް މަރުޙަބާ ދެންނެވުން
- ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ ވާހަކަފުޅު ބޭއްވުން
- ޖަރުމަންވިލާތުގެ ފަތުރުވެރިން އިތުރުކުރަން ފަހުމުނާމާއެއްގައި ސޮއިކުރުން
- ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުން
- ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތްކުރެއްވުން

(11 ފެބުރުވަރީ) ނިމުނު ހަފުތާގައި ލިބިގެންދިޔަ ފާހަގަކޮށްލެވޭ އެއް ޚަބަރަކީ އެމެރިކާގެ ޓައިމް މެގަޒިނުން އެކުލަވާލި ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމެވެ. އެ މެގަަޒިންއިން އެކުލަވާލި ޞިއްޙީ ދާއިރާއިން މިއަހަރުގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ ހިމަނާފައިވަނީ އާންމު ސިއްހަތުގެ ދާއިރާއަށް އެމަނިކުފާނު ދެއްވާ އިސްކަމާއި ސަމާލުކަމާ ގުޅިގެންނެެވެ.

ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން އެމަނިކުފާނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. ޑަބްލިއުއެޗްއޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިނުން އެކުލަވާލި ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމަކީ، ބަލިތަކުން ރައްކާތެރިވުމަށާއި އާންމު ޞިއްޙަތު އިޞްލާޙުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ ލީޑަރޝިޕް މުޅި ދުނިޔެއިންވެސް ބަލައިގަތް ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

އިންތިޚާބާގުޅޭ ޚަބަރުތައް:

(10 ފެބުރުވަރީ) ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. މިބިލު މަޖިލީހުން ފާސްކޮށްފައިވަނީ 72 މެންބަރުންގެ ވޯޓުންނެވެ.

(12 ފެބުރުވަރީ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް، ކުރިމަތިލާ ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ބާއްވާފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އަންނަ އެޕްރީލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޓޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވަނީ އެދުވަހު 10:00ގައި ރާއްޖޭގެ ހުރިހައި ރަށެއްގައި އެއްވަގުތެއްގައެވެ.

ވިޔަފާރީގެ ދާއިރާ:

(7 ފެބުރުވަރީ) ވިޔަފާރީގެ ދާއިރާ ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ހިތަދޫ ވިޔަފާރި ބަނދަރުގައި އަސާސީ ކާބޯތަކެތި ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ޒޯނެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި މަސައްކަތަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވާ މުހިއްމު މަޝްރޫޢެކެވެ.

(12 ފެބުރުވަރީ) ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ފަށައިފައިވަނީވެސް ނިމުނު ހަފުތާގެތެރޭގައެވެ. ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދެކެވެ. ދަތުރުތަށް ފެށުމަށް ތޮއްޑޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް ތޮއްޑޫ ކައުންސިލް އިދާރާގައި ޗެކިން ކުރުމުގެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. މޯލްޑިވިއަންއިން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު ދެދުވަހުއެވެ. އެގޮތުން ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާ:

(7 ފެބުރުވަރީ) އައްޑޫ ސިޓީގައި ޤާއިމުކުރި ސަރުކާރު އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވީވެސް ނިމުނު ހަފުތާގެ ތެރޭގައެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ފިހާރަ ހުޅުވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރް އަހުމަދު ވަނީ ބައިވެރިވެފައެވެ. މިއީ އަތޮޅުތެރޭގައި ޤާއިމުކުރި ފުރަތަމަ އައިނު ފިހާރައާއި ކެތު ލެބެވެ.

(8 ފެބުރުވަރީ) ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވަނީ ނިމުނު ހަފުތާގެ އާދީއްތަ ދުވަހުއެވެ. މި ޚިދުމަތް ފަށާފަވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ބްލަޑް ސަރވިސަސްގައެވެ. ރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާ ފުޅާކުރުމަކީ ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެކެވެ. އެގޮތުން ލޭގެ ބަލިތަކަށް ޚާއްސަ ކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަކީ ރައީސްގެ މި ވަޢުދާ ގުޅިފައިވާ މުހިންމު ޚިދުމަތެކެވެ. މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ޚާއްޞަ ސެންޓަރެއް ހުޅުވާފައިވަނީވެސް ހަމަ އެދުވަހުއެވެ.

އެހެނިހެން ދާއިރާތައް:

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު (9 ފެބުރުވަރީ) ޕާކިސްތާނުގައި ބޭއްވި 9ވަނަ "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ރަން މެޑަލް ހާސިލުކުރި ޚަބަރު ފާހަގަކޮށްލެވއެވެ. ފެބުރުވަރީ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ޤައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވިއެވެ.

(11 ފެބުރުވަރީ) މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓު ރާއްޖޭގައި ބޭއްވުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއާއި އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާ ދެމެދު ރަސްމީކޮށް ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މިސަމިޓު ރާއްޖޭގައި ބާއްވާނެކަން ޢިއުލާންކޮށްފައިވަނީ މިދިޔަ އަހަރު ކެމްބޯޑިއާގައި ބޭއްވި 20 ވަނަ ސަމިޓުގެ ތެރެއިންނެވެ.

(11 ފެބުރުވަރީ) ބޮޑުތަކުރުފާނު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީވެސް ނިމުނު ހަފުތާގެތެރޭގައެވެ. އަދި ކުރެންދޫގައި ބިނާކުރި "މަސްޖިދުލް ސިއްދީޤް" ހުޅުވާފައިވަނީވެސް ނިމުނު ހަފުތާގެތެރޭގައެވެ.