ޤައުމެއްގެ އިޤްތިޞާދީ ދުވެލި ބާރުވުމުގެ ސިއްރަކީ، އެ ޤައުމެއްގެ ރައްޔިތުންނަކީ ފުދުންތެރިބަޔަކަށްވުމެވެ. މިކަން ހާސިލްކުރުމަށް އެ ޤައުމެއްގެ ވިޔަފާރި ބަނދަރުތަކަކީ ހަރުދަނާ އަދި ޒަމާނީ ވަސީލަތްތަކުން މުއްސަނދިވެފައިވާ ތަންތަނަށް ހެދުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.
"ޤައުމުގެ އިޤްތިޞާދުގެ ހަރުދަނާކަން ދޭހަކޮށްދޭ މައިގަނޑު އެއްކަމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ އަގުތައް، އެއްހަމައެއްގައި ހިފެހެއްޓޭ މިންވަރު. މިކަމަށް ބަލާއިރު، ފާއިތުވެދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރިން. އެގޮތުން، ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީކޮށް މުދާ ބަހައްޓާ ޒޯނެއް، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ވާނީ ޤާއިމުކޮށްފައި. އަދި އެފަދަ ޑިއުޓީ ފްރީ ޒޯނެއް އައްޑޫ ޕޯޓުގައި އިރާދަކުރެއްވިއްޔާ، މި މަހުގެ ތެރޭގައި ޤާއިމުކޮށް، ޚިދުމަތް ދޭން ފަށާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއީ މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެކެވެ. ފެބްރުއަރީ 5 ވަނަ ދުވަހު އިއްވެވި ބަޔާނުގައި ކުރުމަށް އިޢުލާންކުރެއްވި މި މަސައްކަތުގައި އެންމެ ދެ ދުވަސްތަރޭގައިވަނީ ކުލަޖައްސާދީފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ހިތަދޫ ވިޔަފާރި ބަނދަރަކީ، މުޅި ދެކުނުގެ އިޤްތިޞާދީ ހަބަކަށް ހެދުމަށް ހިތަދޫ ވިޔަފާރި ބަނދަރަށް މުހިންމު ތިން ޚިދުމަތެއް އިފްތިތާހުކުރުމުގެ އެއްބަސްވުމުގައި މިވަނީ ސޮއިކޮށްފައެވެ. އެއީ ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ޒޯންގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތުގެ އިތުރުން، ބަލްކް ކާގޯ ފެސިލިޓީގެ ޚިދުމަތް ގާއިމުކުރުމެވެ. އިޤްތިޞާދީ ވުޒާރާގެ ފަރާތުން ވަޒީރު މުޙައްމަދު ސަޢީދު ސޮއިކުރެއްވި މި އެއްބަސްވުމުގައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑީސީޕީ ރިޓަޔަރޑް މުޙައްމަދު ރިޝްވާނެވެ.
ހިތަދޫ ވިޔަފާރި ބަނދަރަށް އަލަށް އިފްތިތާހުކުރެވިގެންދިޔަ މި ޚިދުމަތްތަކާއެކު މި ސަރަހައްދުގައި ޤާއިމްވެތިބެ މަސައްކަތްކުރަމުންދާ އެކި ފަންތިތަކުގެ ވިޔަފާރިވެރިންނަށް ގުނާ ނުލެވޭ ފަދަ ގިނަގުނަ ފައިދާތަކެއް ލިބޭނެއެވެ. އެގޮތުން މި ފައިދާތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 'ކޭޝް ފްލޯ' ނުވަތަ ފައިސާގެ ދައުރުވުމަށް ލިބޭ ލުޔެވެ. މީގެ ކުރިން މުދާ އެތެރެކުރާއިރު އެއްފަހަރާ ބޮޑު ޑިއުޓީއެއް ދައްކަން ޖެހުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ކުރިމަތިވި މާލީ ތާށިކަން މިހާރު ނެތިގެންދާނެއެވެ. އަދި ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތާއެކު، ވިޔަފާރިވެރިންނަށް ޑިއުޓީ ނުދައްކާ މުދާ ރައްކާކޮށްފައި ބެހެއްޓުމުގެ ފުރުޞަތުވެސް މިހާރު މިވަނީ ފަހިވެގެންގޮސްފައެވެ.
މީގެ އިތުރުން، ބަލްކް ކާގޯ ފެސިލިޓީގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބޭނެއެވެ. އެގޮތުން، ހިލައާއި ހިލަވެލި ފަދަ ތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ބަނދަރުގައި ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހުމުން، މުދާ ގެންނަ ޚަރަދު ކުޑަވެ، މާކެޓުގައި މުދަލުގެ އަގު ހެޔޮކުރުމަށް މަގުފަހިވާނެއެވެ. އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަޝްރޫޢުތަކުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިވާނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުން އެތައް އަހަރުތަކެއް ވަންދެން އެދެމުންދިޔަ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް އަވަހަަށް ނިމުމުގެ އިތުރުން، އެތައް ޒަމާނެއްވަންދެން ނުހެދި ހުރި ގެދޮރުވެސް ފަސޭހައިން ހެދޭނެ އިންތިޒާމުތައް ހަަމަޖެހިގެންދާނެއެެވެ.
ދެކުނުގެ ހަތަރު އަތޮޅުގައި އެކަނިވެސް މިވަގުތު 85 ޓޫރިސްޓް ފެސިލިޓީއެއް ހިންގަމުންއަންނައިރު، މި ފެސިލިޓީތަކުން ފަތުރުވެރިކަމަށް މުޅި ޖުމްލަ 3،825 އެނދު ނެރެ ދަނީ ހިންގަމުންނެވެ. އެހެންކަމުން، އައްޑޫ ވިޔަފާރި ބަނދަރަށް މި އިތުރުކުރެވުނު ޚިދުމަތްތަކަކީ ރިޒޯޓްތަކަށް މުދާ ފޯރުކޮށްދޭ ވިޔަފާރިވެރިންނަށްވެސް ވިޔަފާރި އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބޭނެ ރަނުގެ ފުރުޞަތެކެވެ. މާލެއަށް ބަރޯސާނުވެ، ސީދާ އައްޑޫން ރިޒޯޓްތަކަށް ބޭނުންވާ މުދާ ސަޕްލައިކުރުމުގެ ޤާބިލުކަން މިބަދަލާއެކު އުފެދޭނެއެވެ. މީގެ ސަބަބުން މުދާ އުފުލުމުގެ ޚަރަދު ކުޑަވެ، ވަގުތު ސަލާމަތްވެ، ދެކުނުގެ ވިޔަފާރި ވެށި އިތުރަށް ހަލުވިވާނެއެވެ.
ރައީސްގެ ރިޔާސީ ވަޢުދާއެކު ދެކުނުގެ ވިޔަފާރި ބަނދަރަށް އިތުރުކުރެވުނު މި ޚިދުމަތްތަކަކީ ހަމައެކަނި ބަނދަރަކަށް އިތުރުކުރެވުނު ޚިދުމަތްތަކެއް ނޫނެވެ. މިއީ އައްޑޫ ސިޓީއަކީ ރާއްޖޭގެ އިޤްތިޞާދީ ދެވަނަ ތަނބުގެ ގޮތުގައި ތަރައްޤީކޮށް، މުޅި ދެކުނުގެ އިޤްތިޞާދީ އިންޖީނު މެކުހަށް ޖަހާލުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ. މި ޚިދުމަތްތަކާއެކު އައްޑޫ ސިޓީ ވާނީ ދެކުނުގެ ތަރައްޤީގެ ހަޤީޤީ ނާރެހަށެވެ.