ޚަބަރު

ޕްރެޒިޑެންޓްސް ކަޕް: އީގަލްސް ބަލިކޮށް ނިއު ސެމީއަށް


  • އީގަލްސްގެ މައްޗަށް ނިއުއިން ކުރިހޯދީ 1-2 އިން

  • މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ޑަ ސިލްވާ

ޕްރެޒިޑެންޓްސް ކަޕް 2026 ގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ނިއުއިން މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ފަހު މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ނިއުރޭޑިންޓް ސްޕޯޓްސް ކުލަބުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ގިލެރްމޯ ޑަ ސިލްވާއެވެ.

ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލަން ނިއުއަށް ލިބުނު ނަމަވެސް، ފުލުފުލުގައި ކޯނަރުތަކެއް ހޯދަމުންދިއުމުގެ ފައިދާ ނަގައި، އީގަލްސް އިން ވަނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އިބްރާޙީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ނަގައިދިން ކޯނަރުގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހިސާމް ސަލީމް އެވެ. އޭގެ އިރުކޮޅެއް ކުރިން، އިބްރާޙީމް މަހުދީ ނަގައިދިން ކޯނަރެއްގައި، މާވިން ލެބީ ވެސް ވަނީ ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. މި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ، ލައިން މަތިން ބޯޅަ ދިފާއުކުރި އިބްރާޙީމް މައިސާނެވެ.

ދެވަނަ ހާފު، އީގަލްސް އިން ރަނގަޅަށް ފެށި ނަމަވެސް، ވަކި ހިސާބަކުން ނިއުއިން ވަނީ ގޭމުގެ ތެރެއަށް ވަދެ އެޓޭކުތައް ވަރުގަދަކޮށްފައެވެ. ޙާއްސަ ގޮތެއްގައި، މި ހާފު ފެށިއިރު، އެ ޓީމުން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެން އެރުވުމާއެކު، ޕްލޭމޭކަރެއްގެ ގޮތުގައި އަޝްފާގް އަދާކުރި ދައުރާ އެކު ނިއުގެ މެދުތެރެއާއި ފޯވާޑްލައިނުގެ ގުޅުން ރަނގަޅުވެ، ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

މެޗުގައި ނިއުއިން ދެވަނަ ލަނޑެއް ޖަހައި އަލުން ލީޑުނެގީ 57 ވަނަ މިނެޓުގައެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑަ ސިލްވާއެވެ.

މި ހާފުގައި ނިއުގެ އަލީ އަޝްފާގަށާއި ދެވަނަ ހާފުގައި ކުޅެންއެރި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން ބިދޭސީ ފޯވާޑް އަލް ހާޖީ ގެރޯއަށް، ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

އަދި އީގަލްސްގެ އިބްރާޙީމް މަހުދީ ވެސް ވަނީ މުޅިން ހުސް ފުރުސަތެއްގައި ދެ ހަމަލާއެއް ފޮނުވާލާފައެވެ. މި ދެ ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިއުގެ ކީޕަރު މުޙައްމަދު ފައިސަލްއެވެ.

މި ނަތީޖާއާއެކު ނިއުއަށް ސެމީގެ ޖާގައެއް ކަށަވަރުވިއިރު، އެ ޓީމުން ކުޅުނު ދެ މެޗުން ހަތަރު ވަނީ ޕޮއިންޓު ހަމަކޮށްފައެވެ. ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ވާދަކޮށް ނިއު ވީ 1-1 އިން އެއްވަރެވެ. މި ގުރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބޭ ޓީމެއް ކަށަވަރުވާނީ މި މަހު 16 ވަނަ ދުވަހު އޮޑި އާއި އީގަލްސް ބައްދަލުކުރާ މެޗަށްފަހުއެވެ.