ކުޅިވަރު

ކުރިކެޓަށް ޚާއްސަ ދަނޑެއް ނެތުމުގެ ކަންބޮޑުވުން އެބައޮތް: ފައިސަލް


  • ރާއްޖޭގައި ކުރިކެޓް ކުޅޭތާ ގަރުނަކަށްވުރެ ގިނަދުވަސް ވަނީ ވެފައި

  • މިއީ ބައިނަލްއަގްވާމީ މައިދާނުގައި ވާދަކޮށް ރާއްޖެއަށް ރީތި ނަން ހޯދަައިދީފައިވާ ކުޅިވަރެއް

  • "އަމިއްލަ ބޯހިޔާވަހިކަމެއް ކުރިކެޓަށް ލިބިފައިނެތުމުން ހިތާމަކުރަން"

ކުރިކެޓަށް ޚާއްސަ ދަނޑެއް ނެތުމަކީ ކުރިކެޓު ޢާއިލާގެ އެންމެ ބޮޑު އުދާސްކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ސީބީއެމްގެ ރައީސް ފައިސަލް މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ކުރިކެޓް ކުޅުންތެރިންނާއި ކުރިކެޓަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސީބީއެމުން ބާއްވަމުން އަންނަ "ކުރިކެޓް ހަވީރު"ގައި ވާހަކަދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ ކުރިކެޓަކީ ރާއްޖޭގައި ދިގު ތާރީޚެއް އޮތް ކުޅިވަރެއްކަމަށެވެ. އެގޮތުން ރާއްޖެއަށް މިކުޅިވަރު ތަޢާރަފުވެ ކުޅެމުން އަންނަތާ ގަރުނަކަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ ބައިނަލްއަޤުވާމީ މައިދާނުގައިވެސް ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ ކުޅިވަރެއްކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ފަޚުރުވެރިކަމާއެކު ދިގު ތާރީޚެއް ގުނަމުންދާ މިކުޅިވަރަށް އަދިވެސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިނެތުމަކީ މުޅި ކުރިކެޓް ޢާއިލާގެ ކަންބޮޑުވުމެއްކަމަށެވެ.

"އެ އުދާހަކީ އަޅުގަނޑުމެންނަށް ކުރިކެޓް ކުޅޭނެ ޚާއްސަ ނެތުމުގެ އުދާސް. ރާއްޖޭގައި ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ކުޅެމުންދާ ކުޅިވަރެއް، ބައިނަލްއަޤްވާމީ މައިދާނުގައި އެތައް ކާމިޔާބެއް ހޯދަދީފައިވާ ކުޅިވަރެއް. މުޅި ގައުމަށް ރީތި ނަން ހޯދަދީފައިވާ ކުޅިވަރެއް. އެހެންނަމަވެސް މިއަދުވެސް އަމިއްލަ ބޯހިޔާކޮށްލާނެ ތަނެއް ނެތް" ފައިސަލް ވިދާޅުވިއެވެ.

ކުރިކެޓް މުޅި ރާއްޖެއަށް ފުޅާކޮށް ތަރައްޤީކުރުމަށް ސީބީއެމުން ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. މިގޮތުން ދިގު ރާސްތާ ޕްލޭނެއްގެ ދަށުން "ސީޑްސް"ގެ ނަމުގައި ގްރާސް ރޫޓް ޕްރޮގްރާމެއް ފަށައި، 2030 އާއި ހަމައަށް ފަސްހާސް ކުރިކެޓް ކުޅުންތެރިން އުފެއްދުމަށް ސީބީއެމުން ދަނީ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރުން ފާއިތުވެދިޔަ އަހަރަކީ ކުރިކެޓްގެ ޖޫނިއާ ޓީމުތަކެއް އެކުލަވައިލައި ބައިނަލްއަޤުވާމީ މައިދާނުގައި އެކުޅުންތެރިން ރާއްޖެ ތަމްސީލުކޮށްފައިވާ އަހަރެވެ.

ފާއިތުވެ ދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ބޭއްވި 19 އަހަރުންދަށުގެ ފިރިހެނުންގެ އޭސީސީ ޕްރިމިއަރ ކަޕުގައި ވާދަކުރި ރާއްޖޭގެ ޤައުމީ ކުރިކެޓް ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ނެޗުރަލް ޓާފެއް ނެތުމުގެ މައްސަލައެވެ. މުބާރާތްތައް ބާއްވަމުން އަންނަނީ ނެޗުރަލް ޓާފުގައިކަމަށްވެފައި އެފަދަ ދަނޑެއް ރާއްޖޭގައި ނެތުމުން އެކުޅުންތެރިންނަށް ޖެހުނީ އަވަށްޓެރި ސްރީލަންކާއަށް ދަތުރުކޮށް މުބާރާތުގެ ކުރިން ނެޗުރަލް ޓާފަށް ހޭނިލަންށެވެ. މިއީ ކުޅުންތެރިންނަށް ދިމާވާ ބޮޑު ދައްޗަށްވާއިރު، މިކަމަށް އަވަސް ޙައްލެއް ބޭނުންވާކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެން ކުޅިވަރުތައް ފަދައިން ކުރިކެޓްވެސް ތަރައްގީކުރެވޭނީ ޒަމާނީ ވަސީލަތައްތައް ފޯރުކޮށްދެވިގެންކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ކުރިކެޓް ފަދަ ދިގު މާޒީއެއް އޮތް ކުޅިވަރަކަށް ބިމެއް ހަމަޖެހިފައިނުވާއިރު، އޭގެ މާފަހުން ކުޅެން ފެށި ކުޅިވަރުތަކަށް ވަސީލަތްތައް ހަމަޖެހުމަކީ ބޭއިންސާފެއްކަމަށާއި، އެކަމާމެދު މުޅި ކުރިކެޓް ޢާއިލާއިން ހިތާމަކުރާކަމަށް ފައިސަލް ހާމަކުރެއްވިއެވެ.

"އިތުރު ހަރުފަތަކަށް ކުރިކެޓް ގެންދަން ބޭނުންވާނަމަ އަޅުގަނޑުމެންގެ އަމިއްލަ ދަނޑެއް ނެތި މިކަން ނުކުރެވޭނެކަން ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ދާދިފަހުން އަޅުގަނޑުގެ އަޚު ފަރުހަތު ޖަލީލް ވިދާޅުވިފަދައިން ރާއްޖޭގައި އަދި ދުވަސްނުފުރޭ ކުޅިވަރުތަކަށްވެސްވަނީ އަމިއްލަ ތަންތަންލިބިފަ. މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭކަމެއް" ކުރިކެޓް ކޮމިއުނިޓީގެ ކަންބޮޑުވުން ފައިސަލް ހާމަކުރެއްވިއެވެ.

ސީބީއެމްގެ ރައީސް ވިދާޅުވީ ކުރިކެޓް ކުޅުންތެރިންގެ މިއާދޭހަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ވިސްނައިވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. ކުރިކެޓް އެހެން ހަރުފަތަކަށް ގެންދިޔުމަށް ބޭނުންވާ އެއްބާރުލުން ލިބެމުންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ފައިސަލްވަނީ ވިދާޅުވެފައެވެ.

"މިއީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. މިއީ ކުރިކެޓް ކޮމިއުނިޓީއަށް ބޭއިންސާފެއްކަމުގައި ދަންނަވަން. މިކަމުގައި އަޅުގަނޑު ވަރަށް އުންމީދުކުރަން ކަމާބެހޭ ފަރާތްތަކުން ވިސްނާ ރަނގަޅުގޮތެއް މުޅި ކުރިކެޓް ކޮމިއުނިޓީއަށް ހަމަޖައްސަވައިދެއްވާނެކަމަށް" ފައިސަލް ވިދާޅުވިއެވެ.

ކުރިކެޓު ކުޅުންތެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ނެޗުރަލް ޓާފެއް ނެތުންކަމަށްވާއިރު، އެކަމަށް ހައްލެއް ހޯދުމަށް ބޭރުގެ އެހީއާއެކު މަސައްކަތްކުރަމުން އަންނަކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަޙްމަދު ހުސައިން (ދޮނާ)ވަނީ މީގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަވެއެވެ.

ނެޗުރަލް ޓާފެއް ނެތި ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، ބޯޅައިގެ މޫވްމެންޓުތަކާއި ބައުންސަށް ވަރަށް ބޮޑު ތަފާތެއް އަންނާނެކަން ފާހަގަކުރައްވާ އަޙުމަދު ވިދާޅުވީ ޒަމާނީ ފެންވަރުގެ ނެޗުރަލް ޓާފެއް އެޅިއްޖެ ނަމަ އެކަމަށް ހައްލެއް ލިބޭނެކަމަށެވެ. އަދި އެފަދަ ޓާފެއް އެޅުމަށް އެންމެ އެކަށީގެންވާ ތަނަކީ ފުވައްމުލައް ކަމަށްވާތީ، އެކަންކުރުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ސީބީއެމުން މިހާރުވެސް ކުރަމުންދާކަމަށް އަހުމަދު ވަނީ ފާގަހަ ކުރައްވާފައެވެ.