ކުޅިވަރަކީ ކަނބަލުންނާއި ޒުވާން އެތުލީޓުން ބާރުވެރިކުރުވާ ހަތިޔާރެއްގެ ގޮތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހަންމަދު ޢަބްދުއްސައްތާރު ސިފަކުރައްވައިފިއެވެ.
ސެންޓްރަލް އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އަންހެން ކުލަބުތައް ވާދަކުރި "ކާވާ ވިމެންސް ލީގު 2026" ދާދި ފަހުން ރާއްޖޭގައި ކާމިޔާބުކަމާއި ނިންމާލާފަވާއިރު، އެމުބާރާތާއި ގުޅޭގޮތުން އެމްއޯސީގެ ރައީސް ވިދާޅުވީ މިފަދަ މުބާރާތްތަކުގެ ސަބަބުން އަންހެނުން ބާރުވެރިކުރުވާކަމަށާއި މިއީ ކުރިއަރަމުން އަންނަ ޒުވާން އެތުލީޓުންނަށް ލިބިގެންދާ ހިތްވަރެއްކަމަށެވެ.
މިފަދަ މުބާރާތްތަކުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާކަމަށް ފާހަގަކުރައްވަމުން ޢަބްދުއްސައްތާރު ވިދާޅުވީ ކުޅިވަރުގެ ސަބަބުން ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކޮށްދޭކަމަށެވެ. އަދި ކުޅިވަރުގެ ސަބަބުން ސަގާފަތާއި، އާދަކާދާޔާއި، ބަހުރުވައިގެ ތަފާތުކަން އެއްފަރާތްކޮށް، އެއްބަޔަކު އަނެއްބަޔަކާއި އޮންނަ ގުޅުން ވަރުގަދަކޮށްދޭކަމަށެވެ. އަދި ހަމަ އެހެންމެ، ފަރުދީ ތަފާތުތައް އެއްފަރާތްކޮށް އެކަކު އަނެކަކަށް ލޯތްބާއިއެކު އިހުތިރާމުދީ ދޭދޭ ފަރުދުން ގުޅުވާދޭ ވަރުގަދަ ހަތިޔާރެއްކަމަށް ޢަބްދުއްސައްތާރުވަނީ ކުޅިވަރު ސިފަކުރައްވާފައެވެ.
"މިފަދަ މުބާރާތްތަކުން ފެނިގެންދާ އެންމެ ޚާއްސަ ކަމަކީ ސަގާފަތާއި، އާދަކާދަތަކާއި ބަހުރުވައިގެ ތަފާތުތަކާއިއެކުވެސް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާވެގެންދާތަން. އަދި ކުޅިވަރުގެ ސަބަބުން އެކަކު އަނެކަކަށްކުރާ އިހްތިރާމު މިފަދަ މުބާރާތްތަކުން ފެނިގެންދޭ. ދިވެހިން އަބަދުވެސް ގަބޫލުކުރާ ހަގީގަތަކީ ކުޅިވަރަކީ ކަނބަލުންނާއި ޒުވާން އެތުލީޓުން ބާރުވެރިކުރުވާ ހަތިޔާރެއްކަން. އަދި މިއީ ތަފާތު ގިނަ ރޮނގުތަކުން ކަނބަލުންގެ ކުރިއެރުމަށް ލިބިގެންދާ ވަރުގަދަ ބާރެއްކަން" ޢަބްދުއްސައްތާރު ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޅިވަރު ދާއިރާގައި އަންހެން އެތުލީޓުންގެ ވިދުންގަދަ ގައުމަކަށްވާއިރު، ގައުމީ ލެވެލްގަޔާއި ބައިނަލްއަގްވާމީ އެކިއެކި ކުޅިވަރު މުބާރާތްތައްތަކުން ރާއްޖޭގެ އަންހެން އެތުލީޓުން އަންނަނީ ގައުމަށް ރީތި ނަން ހޯދައިދެމުންނެވެ. އެކަމަށް އިޝާރާތްކުރައްވާ ޢަބްދުއްސައްތާރު ވިދާޅުވީ ބައިނަލްއަގްވާމީ މެޗު ތަޖުރިބާތަކުގެ ސަބަބުން އަންހެން އެތުލީޓުންގެ ފެންވަރު މަތިވަމުންދާ ކަމަށެވެ. ބައިނަލްއަގްވާމީ މޮޅެތި އެތުލީޓުންނާއި ވާދަކޮށްލުމުގެ ފުރުސަތަކީ ރާއްޖޭގެ އެތުލީޓުންނަށް ލިބިގެންދާ މުހިންމު ތަޖުރިބާއެއްކަމަށް ޢަބްދުއްސައްތާރުވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އަންހެން އެތުލީޓުން ހޯދަމުންދާ ކާމިޔާބީތަކަކީ ކުރިއަރަމުން އަންނަ ޒުވާން އެތުލީޓުންނަށް ލިބިގެންދާ ބޮޑު ހިތްވަރެއްކަމަށް ވިދާޅުވަމުން ޢަބްދުއްސައްތާރުވަނީ މިކާމިޔާބީތަކުގެ ސަބަބުން ޒުވާން އެތުލީޓުންގެ ހުވަފެންތައް ކުލަކުރުމަށް ބާރަކަށްވެގެންދާނެކަމަށް ވިދާޅުވެފަވެއެވެ. ރާއްޖޭގައި ބޭއްވުނު ކާވާ ވިމެންސް ލީގަކީ އަންހެން އެތުލީޓުންގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ މުބާރާތެއްކަމަށް ގަބޫލުކުރައްވާކަމަށްވެސް ޢަބްދުއްސައްތާރުގެ ވާހަކައިގައިވަނީ ފާހަގަކުރައްވާފައެވެ.
"ކާވާ މުބާރާތް މިކަމުގައި މުހިންމު ދައުރެއް ކުޅޭ. މިމުބާރާތުގެ ސަބަބުން އަންހެން އެތުލީޓުންނަށް ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދޭ. މިއީ އަލަށް އުފެދެމުން އަންނަ އެތުލީޓުންނަށް ލިބިގެންދާ ހިތްވަރެއް. މިކަމުގެ ސަބަބުން އެކުޅުންތެރިން ކާމިޔާބަށް ވާސިލްވުމަށް، ދެކެމުންދާ ފޮނި ހުވަފެންތަކުގައި ކުލަޖެއްސުމަށް ބާރަކަށްވެގެންދޭ" ޢަބްދުއްސައްތާރު ވިދާޅުވެފަވެއެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތައްދަނީ ކުރަމުންނެވެ. މިގޮތުން ކުޅިވަރުގެ މައިދާނުގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެން އެތުލީޓުންނަށްވެސް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތް ފާހަގަކޮށްލެވެއެވެ.
މިގޮތަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެމުން ގެންދިޔަ އިނާޔަތް އެއްހަމަކުރުމެވެ. ކުޅިވަރުގެ މައިދާނުގައި މީގެ ކުރިން އޮތް މިންތީގެ ތަފާތުކުރުންތައް ނައްތާލާ، އަންހެން އެތުލީޓުންގެ ދަރަޖަ ފިރިހެން އެތުލީޓުންނާއި އެއްހަމަކޮށްދިނުން ވެގެންދިޔައީ ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލަށް އާރޯކަން ގެނުވާ. އަންހެން އެތުލީޓުންނަށް އިތުރު ހިތްވަރެއް ލިބިގެންދިޔަކަމަކަށެވެ.
ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ އަންހެން އެތުލީޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބީތަކަށް ބަލާއިރު، ޒުވާން ޓޭބަލްޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީގެ ނަން ފާހަގަކޮށްލެވެއެވެ. މިހާތަނަށް ކޮލިފައިވެގެން އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓުގެ ޝަރަފާއިއެކު އޭނާވަނީ ކުޅިވަރުގެ ތާރީޚުގައި ރަން އަކުރުން ނަން ފަވާލާފައެވެ.
1998 ވަނަ އަހަރު ފްރާންސްގައި ކުރިއަށްދިޔަ ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކޮށް ބާރު ދުވުންތެރިޔާ ޝަމްހާ އަހުމަދުވަނީ މިމުބާރާތުގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އަންހެން ދުވުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ހަމަ މި ލިސްޓުން ޖާގަ ހޯދާފައިވާ އެހެން އެތުލީޓުންނަށް ބަލާއިރު، ޓޭބަލް ޓެނިހުގައި ވިދަމުން އަންނަ ނަބާހާ، ނަބީހާ އަދި ލައިބާ ފާހަގަކޮށްލެވެއެވެ.
ޓެނިހުގައި އާރާ، ނަބާ އަދި ނަޔާރާ ވިދަމުން އަންނައިރު، ފެތުމުގެ މުބާރާތްތަކުން ސާރާއާއި ތަޒްކިޔާ ފަދަ އެތުލީޓުން އަންނަނީ ގައުމަށް ރީތި ނަން ހޯދައިދެމުންނެވެ. މި ލިސްޓުގައި ހިމަނާލަންޖެހޭ މިފަދަ ޝަރަފުވެރި އެތައް އަންހެން އެތުލީޓުންނެއް އަދިވެސް ތިބިކަން ފާހަގަކޮށްލެވެއެވެ.