ރާއްޖޭގެ އެނެމް ގިނަބައެއްގެ ބައިވެރިވުން އޮތް، އެންމެ ގިނަ ރަށްތަކަކުން ބައިވެރިވާ ރާއްޖޭޣެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި، ރާއްޖޭގެ ފުޓްސަލްގެ ރަސްގެފާނުގެ ގޮތުގައި ހދ. ނައިވާދޫގެ ކެޕްޓަން ޔާމީން މުޙައްމަދު، ރަސްކަމުގެ ތަހުތުގައި އިށީނދެލައިފިއެވެ.
ފުޓްސަލްގެ ރަސްކަމުގެ ތާޖާއީ ޓްރޮފީ ޔާމީނާ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާނު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާޣެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފެވެ.
ނައިވާދޫއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކުރެވުނު ޔާމީން ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.
119 ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ޗެމްޕިއަން ނައިވާދޫޣެ އަޙްމަދު ހަމީދު (އައްމަޑޭ) އާއި ގއ. ދެއްވަދޫގެ އަލީ ހައިސަމް (ޗުމްޕު)ގެ އިތުރުން ރ. ދުވާފަރުގެ މުޙައްމަދު އިސާމް އަދި އއ. މަތިވެރީގެ އަލީ އަލްސަންއެވެ.
އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބ. އޭދަފުށީގެ އަބްދުﷲ ނާސިޙް އެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ތ. ތިމަރަފުށީގެ ކީޕަރު، ސާއިފް އެވެ. އެންމެ މޮޅު ކޯޗަކަށް، ނައިވާދޫގެ މުޙައްމަދު ނާޝިދު އަޙްމަދު ނަސީމެވެ.
މުބާރާތުގެ ޓޮޕް ސްކޯރަރ އަކަށް ހޮވުނީ ށ. ކަނޑިތީމުގެ ރައުލް ނިޔާޒެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ކ. ގާފަރެވެ. އަދި ބެސްޓް ސަޕޯޓަރސް ޓީމަކަށް ހޮވުނީ ނައިވާދޫއެވެ.
މުބާރާތުގެ ރަނަރަޕްކަން ގއ. ދެއްވަދޫއިން ހޯދިއިރު، ޗެމްޕިއަންކަން ހޯދި ނައިވާދޫ ޓީމާ ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާނު، ނައިބުރައީސް ޙުސެއިން މުޙައްމަދު ލަޠީފެވެ.
މުބާރާތުގެ ޗެމްޕިއަންކަން ނައިވާދޫއިން ހޯދީ ފައިނަލް މެޗުގައި ދެއްވަދޫގެ މައްޗަށް 3-9 އިން ކުރިހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫގެ އަޙްމަދު ހަމީދެވެ.