ކުޅިވަރު

އައު ސީޒަނަށް ރެއާލް މެޑްރިޑުން ފަސް ކުޅުންތެރިއަކު ގެންނަނީ


މި ހިނގާ ސީޒަނަށް ކުޅުންތެރިން ހޯދަން ބުރަކޮށް އުޅުނު ނަމަވެސް ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ވެސް ރެއާލް މެޑްރިޑުން ޓީމު ވަރުގަދަ ކުރަން އަމާޒު ހިފައިފި އެވެ.

މި ގޮތުން ފަސް ކުޅުންތެރިއަކި ގެނައުމަށް ކުލަބުގެ ހިންގާ ކޮމިޓީގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. މި ގޮތުން ރެއާލްއިން އެންމެ ފުރަތަމަ ގެންނާނީ ލޯނު އުސޫލުން ފްރާންސްގެ ލިއޯން އަށް ދޫކޮށްފައި ހުރި ފޯވަޑް ބްރެޒިލްގެ އެންޑްރިކް ފިލިޕޭ އެވެ. އޭނާ ލިއޯންގައި ދައްކާ މޮޅު ކުޅުމަށް ރެއާލް މެޑްރިޑް އޮތީ ވަރަށް ބޮޑަށް ގަބޫލު ވެގެންނެވެ.

މީގެ އިތުރުން ދެ މިޑްފީލްޑަރުން ޓީމަށް ގެންނާނެ އެވެ. މީގެ ތެރެއިން އެއް ކުޅުންތެރިއަކީ ނިކޯ ޕަޒް އެވެ. އޭނަ ގަތުމަށް ރެއާލް މެޑްރިޑުން ހޭދަ ކުރަން ޖެހެނީ ނުވަ މިލިއަން ޑޮލަރެވެ. ދެ ވަނަ މިޑްފީލްޑަރަކީ ކީސް ސްމިތެވެ. ނަމަވެސް މި ކުޅުންތެރިޔާ ގަތުމުގައި އިނގިރޭސި ކުލަބުތަކާ ރެއާލް މެޑްރިޑުން ވާދަ ކުރަން ޖެހޭނެ އެވެ.

ޓީމުގައި އެންމެ ބޮޑަށް ވަރުގަދަ ކުރަންޖެހޭ ޑިޕާޓްމަންޓަކީ ޑިފެންސް ލައިނެވެ. މި ގޮތުން މިހާތަނަށް ރެއާލް އިން ވަނީ ތިން ޑިފެންޑަރަކަށް ފާރަލާން ފަށައިފަ އެވެ. ޓީމުގައި މިވަގުތު ތިބި ޑިފެންޑަރުންގެ ތެރެއިން ޑޭވިޑް އަލާބާ ދޫކޮށްލާނެ އެވެ. އަދި އެންޓޯނިއޯ ރުޑިގާ ގެ ކޮންޓްރެކްޓް އާނުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. މި ކުޅުންތެރިންގެ ބަދަލުގައި ޓީމަށް ގެނައުމަށް މިހާތަނަށް ބަލަފާއިވާ ކުޅުންތެރިއަކީ ޖަކޮބޯ ރާމޮން އެވެ. އިޓަލީގެ ކޯމޯ އަށް އޭނާ ބަދަލުވިތާ އެންމެ 12 މަސް ފަހުން ކުޅުންތެރިޔާ ގެނައުމަށް ރެއާލްއިން މަސައްކަތް ކުރާއިރު ލިވަޕޫލްގެ ސެންޓަ ބެކް އިބްރާހީމް ކޮނާޓޭ އަކީ ވެސް ރެއާލްގެ ޓާގެޓެކެވެ.

މީގެ އިތުރުން ކަނާތު ބެކެއް ވެސް ހޯދާނެ އެވެ. ސަބަބަކީ ޑެނީ ކަވަހާލް ޓީމު ދޫކޮށްލާނެ ކަމަށް ބެލެވުމެވެ.
ރެއާލް މެޑްރިޑުން ޓީމު ވަރުގަދަ ކުރަން ވިސްނީ މި ސީޒަނުގައި ވެސް އެ ޓީމަށް އެކަށީގެންވާ ކާމިޔާބީތަކެއް ނުހޯދިދާނެ ކަމަށް ބެލެވެން ފެށުމުންނެވެ.