މިދިޔަ މަހު މީރާއަށް 4.45 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ %33.1 އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %4.9 ދަށް އަދަދެއް ކަމަށް މީރާއިން ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިދިޔަ މަހުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް އަދި ބިން ވިއްކުމާއި، ބިން ބަދަލު ކުރުމުގެ ފީއިން ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށް މީރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީން ލިބުނު އާމްދަނީ އިތުރުވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މިއީ، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %7.4އަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. އަދި މިއާއިއެކު، 2025ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކުހުގެ 2 ވަނަ އިންޓަރިމް ބަޔާން ހުށަހަޅައި، ފައިސާ ދެއްކުމުގެ ސުންގަޑި މި މުއްދަތުގައި އައުމުން، ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
މިިދިޔަ މަހު ލިބުނު އާމްދަނީ، އަންދާޒާ ކޮށްފައިވާ އާމްދަނީ އަށްވުރެ ދަށްވެފައިވާ މައިގަނޑު އެއް ސަބަބަކީ ވިޔަފާރި އާމްދަނީން ނަގާ ޓެކުހުގެ އާމްދަނީއާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ އާމްދަނީ އަދި ޑިޕާޗަރ ޓެކުހުން ލިބުނު އާމްދަނީ ދަށްވުން ކަމަށް މީރާއިން ވިދާޅުވިއެވެ. އަދި މިދިޔަ މަހު ލިބުނު އާމްދަނީގެ %7.6 އަކީ، ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އާމްދަނީގެ %25.9 ލިބިފައިވަނީ، ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށްވެސް މީރާއިން ވިދާޅުވިއެވެ.
މީރާއިން ވިދާޅުވީ، މިދިޔަ މަހު ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ޖުމްލަ 531.68 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 305.84 މިލިއަން ރުފިޔާއާއި، ޑިއުސް ކްލިއަރެންސްގެ ތެރެއިން 51.08 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 7.92 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާން ކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 95.94 މިލިއަން ރުފިޔާގެ އިތުރުން އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 70.91 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށްވެސް މީރާއިން ވިދާޅުވިއެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ، %40.4 ނުވަތަ 1.79 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، އާމްދަނީއިން ނަގާ ޓެކުހުންނެވެ. އެއީ، %34.7 ނުވަތަ 1.54 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ބިން ވިއްކުމާއި، ބިން ބަދަލު ކުރުމުގެ ފީގެ ގޮތުގައި 271.44 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކުހުގެ ގޮތުގައި 221.80 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 188.85 މިލިއަން ރުފިޔާއާއި، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 180.79 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީރާއިން ވިދާޅުވީ، މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 180.42 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ.