މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޙުސައިން އަފީފް އިންތިޚާބުކޮށްފިއެވެ.
ޙުސައިން އަފީފް ބޯޑުގެ ޗެއަރޕާސަން ކަމަށް އިންތިޚާބުކޮށްފައިވަނީ މަޓީގެ 36 ވަނަ އަހަރީ ޢާއްމު ޖަލްސާގައެވެ.
މަޓީގެ 36 ވަނަ އަހަރީ ޢާންމު ޖަލްސާ ބާއްވާފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ. މި ޖަލްސާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވުޒާރާތަކާއި، އިދާރާތަކުގެ އިތުރުން އެކި ކުންފުނިތަކުގެ 112 މެންބަރުންނާއި މުހިންމު ހިއްސާދާރުން ބައިވެރިވެފައިވެއެވެ.
މި ޖަލްސާ ފެށިގެން ދިޔައީ ކުރިއަށް އޮތް ދައުރަށް ޗެއަރމަންގެ މަޤާމަށް އައްޔަނުކުރި މަޓީގެ ޗެއާމަން ޙުސައިން އަފީފްގެ ވާހަކަފުޅުންނެވެ. އަފީފްގެ ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަޓީން އަދާކޮށްފައިވާ ދައުރަށް އަލިއަޅުއްވާލެއްވިއެވެ. އަދި މަޓީގެ މި ދައުރު ފުޅާކުރުމަށް ކުރިއަށް އޮތްތާގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް އަފީފް ފާހަގަކުރެއްވިއެެވެ.
ޗެއަރމަން އަފީފްގެ ވާހަކަފުޅަށްފަހު ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނަޒީރު ވަނީ މަޓީގެ ރިޕޯޓު ހުށަހަޅުއްވާފައެވެ. މި ޖަލްސާގެ އެންމެ ޚާއްޞަ އެއް ބަޔަކީ މަޓީގެ ކުރީގެ ޗެއަރމަން، ނިޔާވެފައިވާ އަލްމަރުޙޫމް މުޙައްމަދު އުމަރު މަނިކުގެ ހަނދާން އައު ކުރުމެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އެމަނިކުފާނު ކޮށްދެއްވި އަގުނުކުރެވޭ ޚީދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، މަޓީގެ ފުރަތަމަ 'މެންބަރ އޮފް އޮނަރ' ގެ ލަޤަބު އެމަނިކުފާނަށް ވަނީ އަރުވާފައެވެ.
ޖަލްސާގެ ތެރެއިން 2025 ވަނަ އަހަރު މަޓީން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. މީގެ އިތުރުން، 35 ވަނަ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއާއި، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓުތައް މެންބަރުން ވަނީ ފާސްކޮށްފައެވެ.
މި ޖަލްސާގައި 2026 އިން 2029އަށް މަޓީ ހިންގާނެ އެގްޒެކެޓިވް ބޯޑު އިންތިޚާބުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ވަނީ ފާސްކޮށްފައެވެ. އަދި މިއަހަރަށް އޮޑިޓަރުންގެ ގޮތުގައި ފާރިސް އެންޑް ކޯ އެލްއެލްޕީ ވަނީ ހަމަޖައްސާފައެވެ. މި ޖަލްސާގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން މިއަހަރަށް ކަނޑައަޅާފައިވާ ރެގިއުލޭޓަރީ އެޖެންޑާއާއި މަސައްކަތުގެ ޕްލޭންގެ މައުލޫމާތު ވަނީ ޙިއްސާކޮށްފައެވެ.
ޖަލްސާ ނިންމަވާލައްވަމުން އަލަށް އިންތިޚާބުވި ސެކްރެޓަރީ ޖެނެރަލް އަސަދު ޢަލީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމާއި، ހަރުދަނާ ސިޔާސަތުތަކެއް އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މަޓީއަކީ، ރާއްޖޭގެ ރިސޯޓްތައް ތަމްސީލްކުރާ މައި ޖަމްޢިއްޔާއެވެ. މިޖަމްޢިއްޔާގެ މެމްބަރުން ޙިއްސާވާ ރިސޯޓުތަކުގެ އަދަދު އުޅެނީ ސަތޭކަ ވިއްސަށްވުރެ މަތީގައެވެ.