ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި މިރޭ ފަތިހު 5:00 އިން ފެށިގެން ންމު ދަތުރުފަތުރަށް ހުޅުވާލަން ނިންމައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުންހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ހަތަރު ލޭނު ހިމެނޭގޮތައް ތަރައްޤީކޮށް ގެނެވުނު ބަދަލާއެކު އެސަރަޙައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން، ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.
އަދި މިރޭ ފަތިހުން ފެށިގެން ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކޮށް ހުޅުވާލެވޭ ސެގްމަންޓް ހުޅުވާނީ ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައެޅުމަށްފަހުކަމަށެވެ.
ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި، 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހު ފަތިހު 5:00 އިން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި ޢާންމު ދަތުރުފަތުރަށް… pic.twitter.com/RWVtumYuYw
— Mohamed Ameen (@ameen3d) February 15, 2026
ބޮޑު ތަކުރުފާނުމަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމުގެ ކުރިން މަގު ފެހިކުރުމަށްޓަކައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގައި ދައުލަތުގެ 12 ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ދައުލަތުގެ އިސްވެރިންނާއި އެމްޓީސީސީގެ މުވައްޒަފުން ވަނީ މި ހަރަކާތުގައި ބައިވެރިވެ ގަސްއިންދާފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވަނީ، މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިމި އާންމުންނަށް ހުޅުވާލެވުމާއެކު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.
"މި ސަރަހައްދަކީ ކުރިން އެއްކޮޅަށް ދުއްވާ މަގުގެ ގޮތުގަ އޮތް ސަރަހައްދެއް، އެހެންނަމަވެސް އޭގެ ސަބަބުން ބައިވަރު ދަތިތަކާ ކުރިމަތިވާތީވެ ސަރުކާރުން މި މަގު ފުޅާކޮށް، ދެކޮޅަށް ދުއްވާ މަގެއް ގޮތުގަ މި ކަނޑައަޅަނީ. މިއާއެކު ބާރުބޮޑު ވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ޤަބޫލުކުރަނީ". ވަޒީރު ވިދާޅުވިއެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ. އަދި އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް ވަނީ މަގަށް އިތުރުކޮށްފައެވެ.
މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމި، އާންމުންނަށް ހުޅުވާލުމާއެކު، ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މަސައްކަތް ނިމުމާއެކު، އެ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށްވާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.