އިންޑިޔާ އަތުން ފަސޭހަ ކަމާއެކު ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ޕާކިސްތާން ބަލިވީ އެ ޓީމުގެ ހޮވުމާއި ބެޓިން ވެސް ގޯސްވުމުން ކަމަށް ކެޕްޓަން ސަލްމާން އަލީ އަގްހާ ބުނެފި އެވެ.
މެޗަސް ފަހު ވާހަކަ ދައްކަމުން އަގްހާ ބުނީ ސްރީލަންކާގެ ރަނަސިންހާ ޕްރެމަދާސާ ސްޓޭޑިއަމުގައި 61 ލަނޑުން ބަލިވި އެއް ސަބަބަކީ ފުރަތަމަ ދެތިން އޯވަރުގައި ޕާކިސްތާނުގެ މުހިންމު ވިކެޓްތަކެއް ދިއުމުން ކަމަށެވެ. މި މެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާން ނިންމީ އުކާށެވެ. އިންޑިޔާއިން ބެޓް ކުރަން ނުކުމެ އިނިންގްސް ނިންމާލީ 175 ލަނޑު ހަދައިފަ އެވެ.
"އަހަރުމެން ސްޕިން ހަތަރު ކުޅުންތެރިން ބޭނުން ކުރިން އުކުމުގައި. އެކަމަކު އެ މީހުންގެ ވަރަށް އޮފް ދުވަހަކަށްވީ. މިއީ އެންމެ ބޮޑު އެއް މައްސަލަ، ހޮވުމުގައި މެޗުގެ ބައެއް ހިސާބުތަކުގައި ވަރަށް ދޯދިޔާކޮށް ދިޔައީ. ބެޓިންގައި އަހަރުމެންނަށް މެޗު ފަށައިގަނެވުނީ އެހާ ރަނގަޅަކަށް ނޫން،" އަގްހާ ބުންޏެވެ.
އޭނާ ބުނީ ޕާކިސްތާންގެ އިނިންގްސްގައި ދަނޑުގެ ހާލަތު ވެސް އޮތީ ރަނގަޅަށް ކަމަށާއި ނަމަވެސް ބެޓިންގައި ޕާކިސްތާނަށް ކުރެވުނު ރަނގަޅު ކަންކަން މަދު ކަމަށެވެ.
"މި މެޗު މިހެން ވިޔަސަ އަހަރުމެން ދެން މަސައްކަތް ކުރަން ޖެހޭނީ ކުރިއަށް އޮތް މެޗަށް. އެ މެޗުން މޮޅުވެގެން އަހަރުމެން މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކުރީމާ އެ ނިމުނީ. އެ ހިސާބުން އެއީ މުޅިން އެހެން މުބާރާތެއްހެން ހީވާނީ. އެހެންވީމާ މިހާރު އެންމެންގެ ވެސް ފޯކަސް ހުރީ ކުރިއަށް އޮތް މެޗަށް،" އަގްހާ ބުންޏެވެ.
ރޭގެ މެޗުން މޮޅުވުމާއެކު ގްރޫޕް އޭއިން ޓޭބަލުގެ އެއްވަނާގައި އޮތީ އިންޑިޔާ އެވެ. މި ގްރޫޕުން ދެ ވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ބޮޑީ ވެސް ޕާކިސްތާނަށެވެ. ނަމަވެސް ބުދަ ދުވަހު ނެމީބިއާ ބަލި ކުރަން ޖެހޭނެ އެވެ.