ގއ. ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތު ކުރެވިގެން ދެއްވަދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިނެވެ. ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ދެއްވަދޫ / ގާވިޔާ، މަމްނޫހު ޒާހިރު (28އ) އާއި ގދ. ތިނަދޫ / ވައިޓްހިލް، އާއިޝަތު މޫސާ (34އ) ކަމުގައެވެ.
ގދ. ތިނަދޫން ގއ. ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތު ކުރެވިގެން ދެއްވަދޫ ފުލުހުން މި މަހު 13 ވަނަ ދުވަހު ކުރިޔަށް ގެނދިޔަ އޮޕަރޭޝަންގައި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސްލޯފިންކޮޅާއި، ރަބަރު ފެކެޓް ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން އެ ދެމީހުނގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މި ދެމީހުން ވެސް 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަނގަވާފައިވާކަމުގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ހަމައެއާއެކު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމުގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.