ޚަބަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު މެއިގެ ނިޔަލަށް ނިންމަނީ


  • މުޅި މަޝްރޫޢުގެ ދަށުން 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރާނެ

  • ބާޒާރުމަތީ މަގުވެސް ވަނީ މިހާރު ނިމިފައި

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރުގެ މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، އަޙުމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި، ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

އަދި މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާހަމައަށް ވަނީ ނިންމައި، އާންމުންނަށް ހުޅުވާލާފައެވެ. އަދި ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް ރަމަޟާންމަސްތެރޭ ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މަގު ހެދުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީ ވިދާޅުވީ، މަގުހެދުމުގެ މަސައްކަތްތައް ރަމަޟާންމަހު ފަށާ، މުޅި މަޝްރޫޢު މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ.

"އިއްޒުއްދީން ޖެޓީން ފެށިގެން ހެންވޭރު ޓާމިނަލާހަމައަށް ކުރުމަށް ޝީޓްޕައިލްކުރުމާއި އެ މަސައްކަތް ފެށިގެންދާނެ. ރަމަޟާންމަސްތެރޭ ޝީޓްޕައިލްކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ. އޭޕްރިލް މޭއި ހިސާބަށް ދާންވާއިރަށް މުޅި މަގު ނިންމާލެވޭނެ މިހާރު ޝެޑިއުލްކުރެވިފަ އިންގޮތުން". ސަޢުދީ ވިދާޅުވިއެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ނިމުމާއެކު، މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ. އަދި އެ މަގަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ޒަމާނީ މަގުތަކަކަށް ވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.