ޚަބަރު

އީގަލްސް ބަލިކޮށް އެއްވަނައިގެ ގޮތުގައި އޮޑި ސެމީއަށް


  • މި މެޗުން އޮޑި މޮޅުވީ 2-4 ގެ ނަތީޖާއަކުން

  • ސެމީގައި އޮޑި ވާދަކުރާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް

ޕްރެޒިޑެންޓްސް ކަޕު 2026 ގައި ގްރޫޕް ސްޓޭޖުގައި ގްރޫޕް 2 އިން ކުޅުނު ފަހު މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް ހޯދި މޮޅާއެކު އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މި މެޗުން އޮޑި މޮޅުވީ 2-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އީގަލްސްއިންނެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް އީސަ (މެސީ) އެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އީގަލްސްއިން ދެވަނަ ހާފު ފެށިނަމަވެސް، އޮޑި ދެވަނަ ހާފަށް ނުކުތީ ވަރަށް ވަރުގަދަކޮށެވެ. މުޅި ޓީމު ކުރިއަށް ޖެހި، ރަނގަޅު އެޓޭކުތަކެއް އުފައްދަން އޮޑިން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ މި ހާފުގައި އެ ޓީމުން ހަތަރު ލަނޑު ޖެހުމެވެ.

މެޗުގައި އޮޑީގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަޙްޒަމް ރަޝީދެވެ. 59 ވަނަ މިނެޓުގައި އަޙްޒަމް ޖެހި މި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު، މެޗުގެ 71 ވަނަ މިނެޓުގައި އަޙްޒަމް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި އޮޑިއަށް ލީޑުނަގައިދީފައެވެ.

އޮޑިން މެޗުގައި ޖެހި އަނެއް ދެ ލަނޑަކީ މެޗުގެ ފުރިހަމަވަގުތުގެ ފަހު ތިން މިނެޓުގެ ތެރޭގައި އެ ޓީމުން ކާމިޔާބުކުރި ލަނޑުތަކެކެވެ. އެގޮތުން އެ ޓީމުގެ ތިންވަނަ ލަނޑު އަޙްމަދު އައިހަމް ޖަހައިދިން އިރު ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އަޔާޒެވެ.

މެޗުގައި އީގަލްސްގެ ދެވަނަ ލަނޑު، އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އިބްރާޙީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޑީގެ އަޙްޒަމް އެވެ.

މި މޮޅާއެކު އޮޑިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ، އޮޑިއާއި ނިއުރޭޑިއަންޓް އަދި އީގަލްސް ހިމެނޭ ގްރޫޕް 2 ގެ އެއްވަނައިގެ ގޮތުގައެވެ. ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓު އޮޑިއަށް ލިބިފައިވާއިރު ދެވަނައިގައި އޮތް ނިއުއަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވެއެވެ. ނިއުގެ މައްޗަށް އޮޑިއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އޮޑި ނުކުންނާނީ ގްރޫޕް 1 ގެ ދެވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.