ޗައިނާއިން ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ވަނީ 52،112 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %14.4 އެވެ.
މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ 3 ހަފުތާތެރޭގައި އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތަށް މަޑުޖެހުނެވެ. ލިސްޓުގެ 6 ވަނަ ޗައިނާ ޖެހިލުމަށްފަހު، މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެޤައުމަކީ އަނެއްކާވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ޤައުމެވެ.
ޗައިނާ: 52,112 ފަތުރުވެރިން
ރަޝިއާ: 41,020 ފަތުރުވެރިން
އިޓަލީވިލާތް: 35,692 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 360,912 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 334,698 ފަތުރުވެރިންނާއަޅާ ބަލާއިރު %7.8 އިތުރު އަދަދެކެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 9,075 ފަތުރުވެރިން އާދެއެވެ. މި މަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް ވަނީ 11,136 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަހެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގަނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.