ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލަށް ބަދަލުވެގެން ދިޔުމަކީ ދިވެހި ރައްޔިތުންނަށާއި އިޤްތިޞާދަށް ފައިދާހުރި ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގެ އޮޕަރޭޝަންސްތައް، ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ވީއައިއޭގެ އައު އިންޓަރނޭޝަނަލް ޓަރމިނަލް ހުޅުވި މިވީ ކުރު މުއްދަތުގެ ތެރޭގައި ޑޮމެސްޓިކްގެ ޚިދުމަތްތައްވެސް ޒަމާނީ ޓާމިނަލަކަށް ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން މިއީ އެއާޕޯޓުން ދެމުންދިޔަ ޚިދުމަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަަމަށް ނައިބުރައީސް ވިދާޅުވިއެވެ.
ނައިބުރައީސް ވިދާޅުވީ، މިގެނައި ބަދަލާއެކު ދިވެހި ރައްޔިތުންނާއި ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ފައިދާހުރި ބަދަލުތަކެއް އަންނާނެ ކަމަށެވެ. މިއީ ރައްޔިތުން އެދި އެދި ތިބި ކަމެއް ކަމަށާއި، އެހެންނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން މިތަނާއި އަޅާނުލެވި އޮތްކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ. ޑޮމެސްޓިކް ޓާމިނަލަކީ ގިނަ ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ މައި ދޮރާށި ކަމަށް ވިދާޅުވިއެވެ.
"މިޓަރމިނަލް ވެފައިވަނީ މި ޓަރމިނަލް ބޭނުންކުރާ ފަރާތްތަކަށް ބޮޑު ތަކުލީފަކަށް އަދި އިޤްތިޞާދީ ގޮތުން މި ޓާމިނަލްއިން ލިބެންޖެހޭ ނަފާ ގިނަ ދުވަސްތަކަކަށް ނުލިބި އޮތްކަން ފާހަގަކޮށްލަން. މިކަންކަން ދެނެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހއްމަދު މުއިއްޒު އެމަނިކުފާނުގެ ދައުރު ފެށުމާއެކު އެންމެ ބޮޑު އިސްކަމެއް ދެއްވީ ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ތަކުލީފުތަކަށް އަވަސް ޙައްލެއް އަދި ފުރިހަމަ ޙައްލުތަކެއް ގެނައުމަށް" ނައިބުރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ރައީސްގެ އެމަސައްކަތުގެ ތެރެއިން ޑޮމެސްޓިކް ޓާމިނަލް ނިމި ޖާގަ ތަނަވަސް އަދި އެހާމެ ފަސޭހަ އަދި އިތުރު ޚިދުމަތްތަކާއެކު މިތަން ހުޅުވިގެން ގޮސްފައިވާ ކަމަށެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޤްތިޞާދީ ގޮތުން ގެންގުޅުއްވާ ދުރުވިސްނުފުޅާއި، ޙިކުމަތާއި، ސިޔާސަތުތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލު ކުރެއްވުމަށް ދެއްވާ އިސްކަމުގެ ނަތީޖާގެ ހެޔޮ ބަދަލުކަން ނައިބުރައީސް ވިދާޅުވިއެވެ.
ނައިބުރައީސް ވިދާޅުވީ، އުންމީދަކީ މި ޓާމިނަލުން ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ އަދި ޚިދުމަތްތަށް އަވަސްވެ، ޒަމާނީ ފެންވަރުގެ ޚިދުމަތެއް ލިބި، މިއީ ޓާމިނަލްގެ ކުރިމަގަށް އެޅޭ މުހިންމު ފިޔަވަޅަކަށްވުން ކަމަށެވެ.