ރަމަޟާން މަހަކީ އިންސާނިއްޔަތަށް ބާވައިލެއްވި އެންމެ މާތް ފޮތްކަމުގައިވާ ކީރިތި ޤުރުއާން އެ މައްސަރުގައި ބާވައިލެއްވި މަސްކަމަށްވާއިރު، އެ މަހު ހިފާ ރޯދައާއި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވެއެވެ. މި މާތް މައްސަރަކީ ނަރަކައިން ސަލާމަތްވުމާއެކު، ހެޔޮ ޢަމަލުތަކަށް މަގުފަހިވުމުގެ އިތުރުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މަހެވެ.
ރޯދައިގެ މައިގަނޑު މަޤްޞަދަކީ ތަޤުވާވެރިވުމާއި ތަޤުވާގެ މާނައިގައި ހިމެނޭ ހެޔޮޢަމަލުކުރުމެވެ. ފާފަތަކުން ދުރުހެލިވުމަކީ މި މައްސަރުގައި ވަރަށް މުހިންމު ކަމެކެވެ. ރޯދައަކީ ތަޤުވާގެ އިތުރުން، ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއްވެސް ދޭ އަޅުކަމެކެވެ. މި މައްސަރުގައި ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމަކީ ދުނިޔެވީ އެދުންތަކުން ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެކެވެ.
ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާވެސް ދުރުހެލިވެގެންނެވެ. ނުބައި ބަސްތައް ބުނުމާއި، އެފަދަ ޢަމަލުތައް ކުރުން ހުއްޓައިލައިގެންނެވެ. އަރައިރުންވުމާއި، ޒުވާބުކުރުމުން ދުރުހެލިވެގެންނެވެ. ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާ ނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތެވެ.
ރޯދަމަހަކީ މުސްލިމުންގެ އެންމެހައި ޢަމަލުތައް އެންމެ ފުރިހަމަ ގޮތުގައި ބަހައްޓަންޖެހޭ މަހެކެވެ. އެހެންކަމުން، މި މަހުގައި ރަޙިމުގެ ގުޅުން ބަދަހިކުރުމާއި، ނިކަމެތިންނަށް އެހީތެރިވުމާއި، ނަމާދު ޤާއިމުކުރުމާއި، ކީރިތި ޤުރްއާން ތިލާވަތުކުރުމާއި، އިޢުތިކާފުގައި ހުރުން ފަދަ އަޅުކަންތައް ގިނަގިނައިން ކުރުމަކީ އިސްކަންދޭން ޖެހޭކަމެކެވެ. އެހެންކަމުން މިމަހުގައި ކީރިތި ޤުރުއާން ކިޔެވުމަށް ސަމާލުކަން ދިނުމަށާއި، ދުވާލާއި ރޭނގަނޑުވެސް ހެޔޮ ޢަމަލުތައް ކުރުމުގައި ޝާމިލުވެ އުޅުން މުހިއްމެވެ.
ޚާއްސަކޮށް ދުވާލުގެ އަޅުކަންތަކާއެކު ރޭ އަޅުކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ. ރޭއަޅުކަމަކީ މާތް ﷲ އެންމެ ރުއްސަވާ ހެޔޮ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ޢަމަލެކެވެ. އަދި އެއީ ﷲ އާއި ކުއްތަންވެވޭ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ރޭ އަޅުކަމަކީ ޢިޝާ ނަމާދު ނިންމުމަށްފަހު ފަތިސްވުމުގެ ކުރިން ކުރާ ކޮންމެ ނަމާދެކެވެ. ތަރާވީސް ނަމާދާއި އަދި ދަމުނަމާދާއި އަދި ވިތުރުއަކީ ރޭއަޅުކަމުގެ ތެރެއިން ހިމެނޭ ނަމާދުތަކެވެ. އެހެންކަމުން ރަމަޟާން މަހުގެ ދަރުމައާ ޘަވާބު ހޯދުމަށް ރޭ އަޅުކަން ކުރުމަށް އިސްކަން ދޭންވީއެވެ.
މިމަހުގެ އެހެން ދުވަސްތަކަށްވުރެ ހެޔޮކަންބޮޑު ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ތެރެއިން ރެއެއްކަމަށްވުމަކީވެސް ރަމަޟާން މަހުގެ ފަހުދިހައިގައި ދަމު ނަމާދުކުރުމަށް އިސްކަންދޭ ކަމެކެވެ. ލައިލަތުލްޤަދުރި ވިލޭރޭ ކުރާ އަޅުކަން އެތައްހާސް ގުނައެއް އިތުރުވެގެންދާކަމަށް ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ.
ލައިލަތުލްޤަދުރި ވިލޭރެއަކީ ކޮން ރެއެއްކަން ކަނޑައެޅިގެން ބަޔާން ކުރައްވާފައި ނުވިނަމަވެސް އެރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރޭގައިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން ވަނީ ޘާބިތުވެފައެވެ. ޚާއްޞަކޮށް ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައި އެރޭވާކަމަށް އިޝާރާތް ކުރައްވާ ވިދާޅުވެފައިވާ ބަސްފުޅުތައް ވަރަށް ގިނައެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވައްސައްލަމަ ރޯދަމަސް ހޭދަކުރެއްވި ގޮތަށް ބަލާލާއިރު، ރޯދަ ވީއްލަވަނީ އާއިލާއާއެކު ގޭގައެވެ. ރޯދަ ވީއްލަވަނީ ކަދުރުކޮޅެއް ނުވަތަ ފެންފޮދަކުންނެވެ. ރެސްޓޯރަންޓްތަކުން ފެންނަ ބޮޑެތި ޖާފަތްތަކެއް ނުހުރެއެވެ. ރޯދަ ވީއްލެވުމަށްފަހު ވަގުތު ހޭދަކުރައްވަނީ އާއިލާއެކުއެވެ. ދެން ހުރި ވަގުތުތައް ހޭދަކުރައްވަނީ އަޅުކަމުގައެވެ.
ރޯދައިގެ މަޤްޞަދަކީ، ދުނިޔަވީ އެންމެހައި އެދުންތަކުން ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތުން ލާބަހޯދުންކަމަށް ވާއިރު މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި، ފަރުވާކުޑަކުރެވުނު ކަންތައްތައް އިޞްލާޙުކޮށް، ރަމަޟާންމަހުގެ ދުވަސްތަކުގައި، އޭގެ ހިސާބެއް ނެތް ރަޙުމަތާއި، މަޣުފިރަތާއި، ރުއްސެވުން ޙާޞިލުކުރުމަށް ޢަޒުމު ކަނޑައަޅުމާ ހިނގާށެވެ.