1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކާ އަދި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މައްސަރަކީ އިސްލާމީ އުންމަތުގެ ބަދަހިކަން އިތުރުވެގެންދާނޭ މައްސަރަކަށް ވާނޭކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި އިސްލާމީ އުންމަތް ގުޅިގެން ކުރާ މަސައްކަތުން، މުސްލިމުންގެ އަޑުއުފުލައި، އިސްލާމީ އުންމަތުގެ ކުރިއެރުމާއި ފުދުންތެރިކަމުގެ އުދަރެސް ތަނަވަސްކުރެވިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ނާއިންސާފު ކެކުޅުންތައް ތަހައްމަލުކުރަންޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އަމާންކަން މިންވަރުކުރެއްވުމަށާއި، އެ ވޭނުން ސަލާމަތްކުރެއްވުމަށާއި، އެ އަޚުންނާއި އުޚުތުންގެ އަޒުމު ވަރުގަދަކުރެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.