މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ހުސްކުރި މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެމްޕީއެލްއިން ވިދާޅުވީ، މި ސަރަޙައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދުފަހަރާއި މަސް އޮޑިފަހަރަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 23:00 އިން ފެށިގެން ކަމަށެވެ.
މި ސަރަޙައްދުގައި ބަނދަރު ކުރެވޭނީ، ވަކި އުސޫލުތަކެއްގެ ދަށުންކަން ފާހަގަކުރައްވައި، އެ ކުންފުނިން ވިދާޅުވީ މި ސަރަޙައްދުގައި ބަނދަރު ކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ޤަވާއިދުތަކަށް ފެތޭ އުޅަނދު ފަހަރަށް އެކަނި ކަމަށެވެ.
އެމްޕީއެލްއިން ދަނީ، އަވަހަށް ހަަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، 3،000 އަކަފޫޓުގެ ހިޔާ ކޮށްފައިވާ ޝެޑެއް ޤާއިމުކޮށްގެން ޚިދުމަތް ދެމުންނެވެ.
މާލެ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލުމާއެކު މި ޝެޑަށް އޮތް ބާރު ކުޑަވެގެންދާނެއެވެ.
ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާއި، ހަމައަށް ބާޒާރު މަތި ހިމެނޭހެން ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ނިންމުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިސަރަޙައްދު ވަނީ، ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ. އަދި އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކޮށްފައިވެއެވެ.