ގެވެށި އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތް ކުރުމަށް ނެރޭ ރައްކާތެރިކަމުގެ އަމުރާއި މިދިޔަ އަހަރު ޚިލާފުވި 24 މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖނަރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވަނީ މިފަދަ މައްސަލަތައް މިހާރު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.
ރައްކާތެރިކުރުމުގެ އަމުރަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ދަށުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނެރެ އަމުރެކެވެ. މިފަދަ އަމުރަކާ ޚިލާފުވުމަކީ ޖިނާއީ ކުށެކެވެ. މިއީ އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައެވެ. މައިގަނޑު މަގުޞަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މި ޢަމުރާ ޚިލާފުވާ މިންވަރު އިތުރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާއި ގުޅޭ ބައެއް ތަފާސް ހިސާބުތައް ފުލުހުން އާންމުކޮށްފައިވެއެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު ނެރެފައިވާ މައްސަލަތުގައި އެ އަމުރާއި ޚިލާފުވުމުގެ 99 މައްސަލައެއް ފުލުހުން ރިޕޯޓްކޮށްފައިވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަތަކާއި ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
ކޯޓުން ނެރޭ މި ޢަމުރުތަކާއި ޚިލާފުވުމަކީ ޖިނާޢި ކުށަކަށްވާއިރު، މިމައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން މައްސަލަ ތަހުޤީޤުކުރެއެވެ. މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައެވެ. ފުލުހުން ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި މިފަދަ 24 މައްސަލަތަކެއްގައި ދައުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ގެވެށި އަނިޔާގައި މައްސަލަތަކަކީ ރާއްޖޭގައި ސީރިއަސް މައްސަލަތަކުގައި ބަލާ މައްސަލަތަކެކެވެ. މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތް ދިނުމަށް ޤާނޫނީގޮތުން އިސްކަން ދެއެވެ. ފުލުހުން ވަނީ ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އަމުރުތަކަށް އިހުތިރާމްކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށްވެސް ފުލުހުން އެދެއެވެ.
ފުލުހުން ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑު އިސްކަމެއްދޭ އެއް މަސައްކަތްކަމަށެވެ.