ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް ދިނުން އިއާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިއާދަ ކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީ އާއި ޖަޕާނުގެ ކެނެޑޭވިއާއާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މިމަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް ދިނުން އިއާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެތެރެއިން މިހާރު ކުރިއަށްދަނީ އާރްއޯ ޕްލާންޓް ކޮމިޝަން ކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެ މަޝްރޫޢުގައި ބޭނުންކުރާ ސޯލާ ޕެނަލްތަކަށް ބޭނުންވާ ބެޓަރީ ސިސްޓަމްތައް އިންސްޓޯލްކޮށް ނިންމާފައިވާކަމަށާއި ސޯލާ ޕެނަލްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަތީން ވިދާޅުވިއެވެ. މަތީން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
"މި މަޝްރޫޢަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރަށްރަށުގައި ފެން އުފެއްދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަސައްކަތް. ކުދި ރަށްރަށުގައި މިކަން ކުރަން ފަސޭހަވާނެ. މި މޮޑެލް އެހެން ރަށްރަށުގައި ފުޅާކުރުމަށް އެހީތެރިވާނަން." އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގައި ގާއިމްކުރާ، ސޯލާ ހަކަތަ ބޭނުންކޮށްގެން ހިންގާ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފެއްދޭ ޑީސެލިނޭޝަން ޕްލާންޓެކެވެ. މިޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ޕްލާންޓުގައި 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރާނެއެވެ. އަދި މިނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް 1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއް މި ޕްލާންޓުގައި ޤާއިމްކުރާނެއެވެ.
މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚަރަދުގެ 46 އިންސައްތަ ހަމަޖައްސަނީ އެމްޑަބްލިޔުއެސްސީންނެވެ. އެގޮތުން މިޚަރަދުތައް ކުރަނީ ކުންފުނީގެ ކޭޝްފްލޯ އާއި ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ފައިނޭންސިންގެ އެހީގައި ކަމަށާއި، ބާކީ ޚަރަދުކުރާނީ ޖަޕާން ސަރުކާރާއި ކެނެޑޭވިއާ ކޯޕަރޭޝަނުންކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.
އެމްޑަބްލިޔުއެސްސީން ވިދާޅުވީ މިމަޝްރޫޢަކީ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދެވޭނެފަދަ މަޝްރޫޢެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވި ދެމެހެއްޓެނިވި ފެން އުފެއްދުމުގެ ނިޒާމުތައް ރަށްރަށުގައި ޤާއިމްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.