ޚަބަރު

ޕެރޭރާގެ ފުރަތަމަ މެޗުން ފޮރެސްޓް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ނޮޓިންހަމް ފޮރެސްޓްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ވިޓޯ ޕެރޭރާގެ އިރުޝާދުގެ ދަށުން އެ ކްލަބު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ތުރުކީގެ ފެނަބާޗޭ އާއި ދެކޮޅަށް ކުޅުނު މެޗުން ފޮރެސްޓް މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

ތުރުކީގައި ކުޅުނު މި މެޗުން ފޮރެސްޓް މޮޅުވެފައިވާއިރު މިއީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި ފޮރެސްޓް މެޗަކުން މޮޅުވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މި މެޗު ފެށުނީއްސުރެ ނިމެންދެން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވަނީވެސް ފޮރެސްޓުންނެވެ.

ނޮޓިންހަމް ފޮރެސްޓް އިން މި މެޗުގައި ކުރި ހޯދާފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި މުރީލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް މޯގަން ގިބްސް ވައިޓް ދިން ޕާހަކުން އިގޯ ޖިސޫސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ފޮރެސްޓް އިން ޖެހި ތިންވަނަ ލަނޑަކީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި މޯގަން ގިބްސް ވައިޓް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި ނަތީޖާ އާއިއެކު މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު ފޮރެސްޓަށް ބޮޑުވެފައިވާއިރު މި ދެ ޓީމު ދެވަނަ ލެގުގައި ފޮރެސްޓްގެ ދަނޑުގައި ކުޅޭނީ މި މަގުގެ 26 ވަނަ ދުވަހު އެވެ.

ފެނަބާޗޭ އާއި ދެކޮޅަށް ފޮރެސްޓް ނިކުތުމުގެ ކުރިން އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ދެކޮޅަށް ފޮރެސްޓް ކުޅޭނެ އެވެ.