މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިހުރި އުޅަނދުތައް ހޯމަ ދުވަހުން ފެށިގެން ޓޯވ ކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތަކާއި، އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ޓޯވް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން މާލޭގެ އެކި ތަންތަނުގައި ބަހައްޓާފައިހުރި އެއްގަމު އުޅަނދުތައް މިމަހުގެ 22 ވަނަ ދުވަހުގެ 23:30ގެ ކުރިން ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ އެދިފައެވެ.
އަދި އެ ތާރީޚުގެ ފަހުން ހުންނަ އުޅަނދުތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ތަނަކަށް ގެންދެވޭނެކަމަށް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޓޯވްކޮށްގެން ގެންދާ އުޅަނދުތައް ގެންދާ ގެންދިއުމުގައްޔާއި، ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުންގެ ފަރާތުން ޒިންމާ ނުވާނެކަމަށެވެ.
އަދި ޓޯވް ކުރެވޭ އުޅަނދުތައް ޓޯވް ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އުޅަނދުގެ ވެރިފަރާތުންކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.