ޚަބަރު

އާސެނަލް އޮތީ ބޭނުންވާ ހިސާބުގައި: އާޓޭޓާ


ސީޒަނުގެ މިހިސާބަށް އައިއިރު އެ ޓީމު އޮތީ ބޭނުންވާ ހިސާބުގައި ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓޭޓާ ބުނެފައިވަނީ ލީގުގައި އެންމެ ފަހުން ވޮލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު 2-2 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ޓީމު އޮތީ ބޭނުންވާ ހިސާބުގައި ކަމަށެވެ.

"ކޮންމެ މީހެއްގެވެސް އަމިއްލަ ހިޔާލާއި ވިސްނުން ހުންނާނެ. އަހަރެންގެ ވިސްނުމާއި އުންމީދު ކުރި ހިސާބުގައި އާސެނަލް މިވަގުތު އޮތީ." އާޓޭޓާ ބުންޏެވެ.

"މި ސީޒަނުގައި އަދިވެސް އާސެނަލް ކުޅެން ޖެހޭ މެޗުތަކެއް އެބަހުރި އެހެންކަމުން އެ މެޗުތަކުން ރަގަޅު ނަތީޖާތަކެއް ހޯދުމަށް މަސައްކަތް ކުރާނީ. ހުރިހާ މުބާރާތެއްގައިވެސް އާސެނަލް ބޭނުންވި ހިސާބަށް މިހާރު އޮތީ އާދެވިފައި." އާޓޭޓާ އިތުރަށް ބުންޏެވެ.

އާޓޭޓާގެ އިރުޝާދުގެ ދަށުން އާސެނަލް އިން ވަނީ ނިމިގެންދިޔަ ތިން ސީޒަނުގައިވެސް ޕްރިމިއާ ލީގުގެ ދެވަނަ މަގާމް ހޯދާފަ އެވެ. އަދި މި ސީޒަނުގައި ކުރިއަށް އޮތް ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެކްލަބަށް އެބައޮތެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ އާސެނަލް އިން ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތްއިރު ކަރަބާއޯ ކަޕްގެ ފައިނަލުން ވަނީ ފުރުސަތު ހޯދާފަ އެވެ. އަދި އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް ކޮލިފައިވެފައިވާއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ފުރަތަމަ ބުރުގެ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

އާޓޭޓާ އިތުރަށް ބުނެފައިވަނީ ޓޮޓްނަމް އާއި ދެކޮޅަށް ނިކުންނައިރު އޭނާގެ އެންމެ ބޮޑު ވިސްނުމަކީ އެ މެޗުން ރަގަޅު ނަތީޖާއެއް ހޯދާ ކުޅުންތެރިންނަށް ޔަގީންކަން ހޯދަދިނުން ކަމަށެވެ. އަދި މިހާރު އޮތް ހަމައެކަނި ވިސްނުމަކީ ކުރިއަށް ހުރި މެޗުތަކުގައި ރަގަޅު ނަތީޖާތަކެއް ހޯދުން ކަމަށްވެސް އާޓޭޓާ ވަނީ ބުނެފަ އެވެ.