ޚަބަރު

ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ހަދުމުގެ މަސައްކަތް މި މަހު ފަހުކޮޅު ފަށަނީ


  • ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވޭ

  • ޝީޓްޕައިލްކުރުމުގެ މަސައްކަތް ރަމަޟާންމަސްތެރޭ ފެށޭނެ

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ އެމްޓީސީސީން ވިދާޅުވެއެއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަމުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމާ، ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

އަދި ދެވަނަ ފިޔަވަހީގެ މަސައްކަތް، ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާހަމައަށް ވަނީ ނިންމައި، އާންމުންނަށް ހުޅުވާލާފައެވެ. އަދި ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާހަމައަށް މަގު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިމަހު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މަގުހެދުމުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީ މީގެކުރިން ވިދާޅުވެފައިވަނީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލަށް ހަމައަށް މަގު ތަރައްޤީކުރުމަށް ޝީޓްޕައިލްކުރުމުގެ މަސައްކަތް މި ހިނގާ ރަމަޟާންމަސްތެރޭ ފެށިގެންދާނެކަމަށެވެ.

"އިއްޒުއްދީން ޖެޓީން ފެށިގެން ހެންވޭރު ޓާމިނަލާހަމައަށް ކުރުމަށް ޝީޓްޕައިލްކުރުމާއި އެ މަސައްކަތް ފެށިގެންދާނެ. ރަމަޟާންމަސްތެރޭ ޝީޓްޕައިލްކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ. އޭޕްރިލް މޭއި ހިސާބަށް ދާންވާއިރަށް މުޅި މަގު ނިންމާލެވޭނެ މިހާރު ޝެޑިއުލްކުރެވިފަ އިންގޮތުން". ސަޢުދީ ވިދާޅުވިއެވެ.

އެމްޓީސީސީން ވިދާޅުވީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، 600 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައިގެން މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތުގެ ތެރޭގައި ދުވާރު ހެދުމުގެ މަސައްކަތްތަކާއި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކުގެ އިތުރުން، މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ހިމެނޭކަމަށެވެ. އޭގެތެރޭގައި މަގު ބައްތި ޖެހުމާއި، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް ހިމެނެއެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ނިމުމާއެކު، އެ މަގަކީ ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ޒަމާނީ މަގުތަކަކަށް ވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.