ޚަބަރު

ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު ޖެނީވާއަށް


  • އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރާނެ

އިންސާނީ ޙައްޤުތަކާބެހޭ މަޖިލިސް ނުވަތަ ހިއުމަން ރައިޓްސް ކައުންސިލްގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް
ޖެނީވާއަށް ވަޑައިގެންފިއެވެ. ވަޒީރު ބައިވެރިވުމަށް ހަމަޖެހިފައިވަނީ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފުތާގައެވެ.

ވަޒީރު ޑރ. ޚަލީލް ވިދާޅުވީ މި ދަތުރުގެ ތެރެއިން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ރައްކާތެރިކަމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ. އަދި އެކި ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުކޮށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް އުންމީދުކުރައްވާކަމަށެވެ ވަޒީރު ވިދާޅުވިއެވެ.

މި ސެޝަނަކީ ކާމިޔާބު ސެޝަނަކަށް ހެދުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރާނެކަމަށް ވަޒީރު ޑރ. ޚަލީލް ވަނީ ވިދާޅުވެފައެވެ. އަދި މި ސެޝަންގެ ހުރިހައި މަރުޙަލާއެއްގައިވެސް ޢަމަލީގޮތުން ބައިވެރިވެ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ދެމިއޮންނާނެކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއަކީ 2023-2025 ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެކެވެ. މިއީ އެ ކައުންސިލްގެ މެންބަރުންކަން ރާއްޖެއިން އަދާކުރާ ތިންވަނަ ފަހަރެވެ. ހިއުމަން ރައިޓްސް ކައުންސިލަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް އެކި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އދގެ ގޮތްޕެކެވެ.