ޚަބަރު

ފުޓް ވެއަރ އެންޑް ލެދާ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު


  • މަޢުރަޒު ކުރިޔަށް ދަނީ ސްރީލަންކާގެ ކޮލަމްބޯގައި

  • މައުރަޒު ބާއްވަނީ މި މަހުގެ 27އިން މާރިޗު މަހުގެ 2އަށް

ސްރީލަންކާގެ ކޮލަމްބޯގައި މިމަހު ފެށުމަށް ހަމަޖެހިފައިވާ ފުޓް ވެއަރ އެންޑް ލެދާ ފެއަރ 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކަމަށް ސްރީލަންކާގެ ސަރުކާރުން އެ ވުޒާރާއަށް ޙިއްސާކުރައްވާފައިވާ ކަމަށެވެ.

އަދި މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލުގައި ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޢުރަޒުގައި ފައިވާން، ބޫޓު، ލެދާ ނުވަތަ ޖަނަވާރު ހަމުން އުފައްދާ އުފެއްދުންތަކާއި މެޝިނަރީ އުފެއްދުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ގުޅުންހުރި ޚިދުމަތްތައް ދައްކުވައިދޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 27 އިން މާރިޗު މަހުގެ 2 އަށް ހަތަރު ދުވަހުގެ މުއްދަތަކަށެވެ.

މި މަޢުރަޒަކީ ކޮންމެ އަހަރަކުވެސް ސްރީލަންކާގައި ފުޓް ވެއަރ އެންޑް ލެދާ ދާއިރާއިން ކުރިއަށްގެންދާ މަޢުރަޒެކެވެ. މިއީ، މި މަޢުރަޒު ބާއްވާ 16 ވަނަ އަހަރެވެ. މީގެ ކުރިން ދިވެހިރާއްޖޭގެ ވިޔަފާރިތަކުން މި މަޢުރަޒުގައި ބައިވެރިވެފައެއް ނުވެއެވެ.