ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިޚާބާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން ނެގުމަށް ވަނީ ނިންމާފައެވެ.
ޚިޔާލު ހޯދުމުގެ ވޯޓު ނަގަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާއިމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރީއްޔާ ވިދާޅުވީ މި ވޯޓާއި ހަމައަށް ދާއިރު ރައްޔިތުން ސަމާލުކަން ދޭން ޖެހޭ ކަންކަން ހުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއް ދުވަހެއްގައި ކައުންސިލް އިންތިޚާބާއެކު އާންމުންގެ ޚީޔާލު ހޯދުމުގެ ވޯޓުގެ ކަންކަން ކުރިއަށްގެންދަން ހަމަޖެހިފައިވިޔަސް ވޯޓުލުމުގެ މަރުހަލާއަށް މާ ބޮޑު ބަދަލުތަކަށް ނާންނާނެ ކަމަށެވެ. އެހެންނަމަވެސް ފެންނަ ނުފެންނަ ވޯޓަށް ޚާއްސަ ވޯޓު ކަރުދާހެއް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވާދަ ކުރާ އިންތިޚާބުތަކާއި ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި ތަފާތު ދެކަމެއް މިއީ. ވާދަ ކުރާ އިންތިޚާބުތަކުގައި ބަޔަކު މަޤާމަކަށް އިންތިޚާބުކުރަން ވޯޓުލާންޖެހެނީ. އެހެންނަމަވެސް ފެންނަ ނުފެންނަ ވޯޓުގައި ނޯންނާނެ ހޮވާކަށް. އޮންނާނީ ވޯޓު ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އައްސަވާ ސުވާލާއި އެކަމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ވޯޓު ދިނުމަށް. " ހަސަން ޒަކަރީއްޔާ ވިދާޅުވިއެވެ.
ފެންނަ ނުފެން ވޯޓުގައި ރައްޔިތުންނަށް ދޭ ކަރުދާހުގައި ލިޔެފައިވާ ސުވާލަކީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
ޙަސަން ޒަކަރީއްޔާ ވިދާޅުވީ، މި ވޯޓަށްދާއިރު ރައްޔިތުން މި ސުވާލާއި އެއާއި ގުޅޭ އެންމެހައި މައުލޫމާތަށް ފަރިތަވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، މިކަމުގައި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ބޮޑު ދައުރެއް އެބައޮތް ކަމަށެވެ.
"ސިޔާސީ ޕާޓީތަކާއި ޖަމީއްޔާ ޖަމާޢަތްތަކުންވެސް އާންމު ރައްޔިތުންގެ ސަމާލުކަމަށް ގެންނަން ޖެހޭ އެއްކަމަކީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފޮނުވާފައި އޮތް ސުވާލާއި ގުޅުން ހުރި މައުލޫމާތުތައް ރައްޔިތުންނަށް ޚިއްސާކުރުން. އެކަމާއި ގުޅޭ މައުލޫމާތު ވީހާވެސް ފުޅާ ދައިރާއެއްގައި ރައްޔިތުންނަށް ލިބޭ ގޮތް ހެދުން. އަޅުގަނޑުމެންވެސް އެމަސައްކަތް ކުރާނެ. ސިޔާސީ ޕާޓީތަކާއި ޖަމީއްޔާޖަމާޢަތްތަކުންވެސް އެ މަސައްކަތް ކުރިއަށް ގެންދަވާނެ. " ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްކޮލުމާއި ގުޅޭ ވޯޓު ކައުންސިލް އިންތިޚާބާއިއެކު އެކީގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، މި ވޯޓު ވަކިން ނަގާނަމަ ބޮޑު ޚަރަދެެއް ކުރަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެހެން ކަމުން އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ނިންމާފައެވެ.