ޚަބަރު

ރަމަޟާން 7ވީ7 ލީގު: ލެގޫންސް އަށް ބޮޑު މޮޅެއް


  • ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނޭ

  • މުބާރާތުގެ މާސްޓަރސް ކެޓަގަރީގެ ކުޅުން ފެށީ އިއްޔެ

މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2026 ގެ ލެގޫންސް ސްޕޯޓްސް ކުލަބުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 10 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ ވެޓެރެންސް ކެޓަގަރީގަ އިއްޔެ ހަވިރު ކުޅުނު ލެގޫންސް ކާމިޔާބު ކުރީ 5-0 ލަނޑުންނެވެ. މެޗުގައި ލެގޫންސް އަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދު ގެ އިތރުން އިބްރާހިމް ޝަފްރާޒްއެވެ. އަދި މި މެޗުގައި އެޓީމުގެ އަހުމަދު މުހައްމަދު ވަނީ 2 ލަނޑު ޖަހާފައެވެ.

މުބާރާތުގެ މާސްޓަރސް ކެޓަގަރީގެ ކުޅުން ފެށީ އިއްޔެއެވެ. މާސްޓަރސް ކެޓަގަރީގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުން ސްޓެލްކޯ ވަނީ 2-0 ލަނޑުން ވިކްޓަރީ ސްޕޯޓްސް ކުލަބު މައްޗަށް ކުރިހޯދާފައެވެ. ސްޓެލްކޯއަށް ލަނޑުތައް ޖަހައިދިނީ އުބައިދުﷲ އިދުރީސްގެ އިތުރުން އިބްރާހިމް ރަޝީދުއެވެ.

މާސްޓަރސް ކެޓަގަރީ ގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ހުޅުމާލެ ވެޓެރެންސް ޓީމުން ވަނީ ޅ.ހިންނަވަރު ހިރިއާގ މައްޗަށް 1-0 ލަނޑުން ކުރި ހޯދާފައެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ހަބީބްއެވެ.

ދެ ޑިވިޝަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ދުވަހު ވެޓެރެންސް ކެޓަގަރީގެ ދެ މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން ޓީސީ ސްޕޯޓްސް ކުލަބު ވަނީ 4-0 ހިރިއާ އަތުން މޮޅުވެފައެވެ. މުއިވެޔޮ ފްރެންޑްސް ކުލަބުން ވަނީ 3-2 ލަނޑުން ކ.ހުރާގެ ހުރާ ބެލިސިމޯ ސްޕޯޓްސް ކުލަބު މައްޗަށް ކުރި ހޯދާފައެވެ.

ހުސްވި އަހަރުގެ މުބާރާތުގެ މަސްޓަރސް ކެޓަގަރީގަ ޗެމްޕިއަން ކަން ހޯދީ ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ވެޓެރެންސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އެމްއެސް މޭޓްސްއެވެ.