ކުޅިވަރު

މައިލޯ ރަމަޟާން ހާފްކޯޓް ޗެލެންޖުގައި މިއަހަރު 77 މެޗު ކުޅޭނެ


  • މައިލޯ ރަމަޟާން ހާފްކޯޓް ޗެލެންޖުގައި 20 ޓީމަކުން ވާދަކުރޭ

  • ޖޫނިއާ، ސީނިއާ އަދި އޯޕަން ކެޓަގަރީގައި 77 މެޗު ކުޅޭނެ

  • މުބާރާތް ކުރިއަށްދަނީ މިމަހުގެ 23 އިން އަންނަމަހުގެ 5 ގެ ނިޔަލަށް

ފިއޯންޓީ ސްޕޯޓްސް އެކަޑަމީއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ރަމަޟާން ހާފްކޯޓް ޗެލެންޖު ފަށައިފިއެވެ.

ރަމަޟާންމަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ކުޅުން ކުރިއަށްދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނަ ނެޓްބޯޅަ ކޯޓުގައިއެވެ.

4 ވަނަ މައިލޯ ރަމަޟާން ހާފްކޯޓް ޗެލެންޖުގައި ތިން ކެޓަގަރީއަކުން 20 ޓީމަކުން ވާދަކުރެއެވެ. ޖޫނިއާ، ސީނިއާ އަދި އޯޕަން ކެޓަގެރީ ހިމެނޭހެން ކުރިއަށްގެންދާ މިމުބާރާތުގައި 77 އަށްވުރެ ގިނަ މެޗުތައް ކުޅުމަށްވަނީ ތާވަލުކޮށްފައެވެ.

މިމުބާރާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިއޯންޓީ ސްޕޯޓްސް އެކަޑަމީގެ ރައީސް އާއިޝަތު ނާޒިމާ ވިދާޅުވީ މިމުބާރާތް ބާއްވަމުން އަންނަތާ މިހާރު މިއީ ހަތަރު ވަނަ އަހަރުކަމަށެވެ. މުބާރާތުގައި ހިމެނޭ އޯޕަން ކެޓަގަރީއަކީ ފާއިތުވެދިޔަ ދިޔަ އަހަރު މިމުބާރާތަށް އިތުރު ކުރެވުނު ކެޓަގަރީއެއް ފާހަގަކުރައްވަމުން ނާޒިމާ ވިދާޅުވީ އެކެޓަގަރީގެ އިތުރުކުރުމުގެ ބޭނުމަކީ ފިއޯންޓީ ސްޕޯޓްސް އެކަޑަމީގައި ތަމްރީނުވަމުން އަންނަ ކުދިންނަށް އެހެން އެކަޑަމީތަކުގެ ކުދިންނާއި ވާދަކޮށް އެތަޖުރިބާ ހޯދައިދިނުންކަމަށެވެ.

"މިމުބާރާތަކީ ހަމަ ކޮންމެ އަހަރަކުވެސް އެކަޑަމީގެ ފަރާތުން އެކަޑަމީގެ ކުދިންނަށް ޚާއްސަކޮށްގެން ރޯދަމަހު ބާއްވާދޭ މުބާރާތެއް. މިމުބާރާތުގައި މިދިޔަ އަހަރުން ފެށިގެން އިންނާނެ އޯޕަން ކެޓަގަރީއެއް ހުޅުވާލާފަ. އޯޕަން ކެޓަގަރީގެ އަޅުގަނޑުމެން އިންވިޓޭޝަނެއް މިދެނީ ކޮންމެ އުމުރެއްގެ ޓީމެއް ވިޔަސް ބައިވެރިވެވޭނެގޮތަށް، އޭގެ މަގްސަދަކީ އަޅުގަނޑުމެންގެ އެކެޑަމީގައި ތިބި ސީނިއާ ކުޅުންތެރިންނަށް އެކްސްޕީރިއަންސް ދިނުމުގެ ގޮތުން އެހެން ޓީމުތަކާއި އެއްކޮށް އެކުދިން ކުޅެން ފުރުސަތު ހުޅުވާލަދެނީ" ނާޒިމާ ވިދާޅުވިއެވެ.

އުމުރުން ހަތް ވަރަކަށް އަހަރުގެ ކުދިންވެސް ވާދަކުރަމުން ގެންދާ މިމުބާރާތުގައި މީގެ ކުރިން ގްރޭޑް 10 ގެ ކުދިންވެސް ވާދަކުރަމުން ދިޔަކަން ފާހަގަކުރައްވާ ނާޒިމާ ވިދާޅުވީ މިއަހަރުގެ އޯލެވެލް ދުވަސްކޮޅާއި މުބާރާތް ގާތްވުމުން އެއުމުރުފުރާގެ ކުދިން މިއަހަރު މުބާރާތުން ފެންނަލެއް މަދުކަމަށެވެ.

އެހެންނަމަވެސް މުބާރާތުގެ ފޯރިއަކަށް ކުޑަނަމަވެސް ބަދަލެއް ނާންނަކަމަށާއި ކުޅުންތެރިންގެ ކިބައިން ފެންނަނީ ކުޅިވަރުގެ ރޫހުގައި މޮޅެތި މެޗުތަކެއް ކުޅުމަށް ކުރަމުންގެންދާ މަސައްކަތްކަމަށް ނާޒިމާ ވިދާޅުވިއެވެ.

"އުމުރުން ހަތް އަހަރުގެ ކުދިންނުން ފެށިގެންގޮސް އެބައުޅޭ ގްރޭޑް 9ގެ ކުދިންނާއި ހަމައަށް އެބައުޅޭ. ގްރޭޑް 10 ގެ ކުދިން މިއަހަރު އޯލެވެލް އަހަރުވީމަ އެކުދިން ބައިވެރިއެއްނުވޭ މުބާރާތުގައި. އޯލެވެލް ކުރިއަށް ދާތީވެ، ވަރަށް ފޯރިގަދަކޮށް ކުރިއަށްދަނީ" ނާޒިމާ ވިދާޅުވެފަވެއެވެ.

އެކަޑަމީތަކަށާއި ވަކިވަކި ޓީމުތަކަށްވެސް ވާދަކުރެވޭހެން ކުރިއަށްގެންދާ ރަމަޟާން ހާފްކޯޓް ޗެލެންޖުގެ ކުޅުން ކުރިއަށްދަނީ ރޭގަނޑު 09:30 އިން 11:15 އަށެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިމުބާރާތުގެ ކުޅުން މިމަހުގެ 23 ވަނަ ދުވަހު ފެށިފައިވާއިރު މުބާރާތުގެ ފައިނަލް މެޗުތައް ތާވާލުކޮށްފަވަނީ އަންނަމަހުގެ 5 ވަނަ ދުވަހަށެވެ.

ނެޓްބޯޅައަށް ޚާއްސަކޮށްގެން މިފަދަ މުބާރާތެއް ރާވާ ހިންގުމުގެ މަގްސަދަކީ މިކުޅިވަރަށް ލޯބިކުރާ ޒުވާން ކުޅުންތެރިނަށް އުފާވެރި މަޖާ މާހައުލެއްގައި ވާދަކޮށް، ރަނގަޅު މެޗު ތަޖުރިބާތަކެއް ހޯދައިދިނުންކަމަށް ފިއޯންޓީ ސްޕޯޓްސް އެކަޑަމީއިން ބުނެއެވެ. މިފަދަ މުބާރާތްތައް އިންތިޒާމުކުރުމުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރަކަށްވެގެންދާނެކަމަށާއި، މުބާރާތްތަކުގައި ވާދަކޮށް ކުޅިވަރުގެ ރޫހާއި އެއްގޮތަށް، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ދަސްވެގެންދާނެކަމަށް ފިއޯންޓީ ސްޕޯޓްސް އެކަޑަމީއިންވަނީ ބުނެފައެވެ.