ޚަބަރު

ނަވީންގެ ރިޓަޔަރމަންޓް ފާހަގަކުރަން ޚާއްސަ ރަސްމިއްޔާތެއް


  • ރަސްމިއްޔާތުގައި ނަވީންއަށް ޝަރަފުގެ ހަނދާނީ ފިލައެއް އަރުވާފައިވޭ

  • ނަވީން ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައި

  • ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ވަޒީރު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީންގެ ރިޓަޔަރމެންޓް ފާހަގަކުރަން ޚާއްސަ ރަސްމިއްޔާތެއް ބާއްވަވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން އިސްމާޢީލް ނަވީން ރިޓަޔަރކުރެއްވީ، މިމަހުގެ 18ވަނަ ދުވަހުއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި، އިސްމާޢީލް ނަވީންއަށް ޝަރަފުގެ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.

ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.

ފުލުހުންގެ ޚިދުމަތުގައި 32 އަހަރު ހޭދަކުރައްވާފައިވާ އިސްމާޢީލް ނަވީން ކޮމިޝަނަަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ހުޅުވާލުމުން ކުރިމަތިލީ 3 ބޭފުޅުންގެ ތެރެއިން ނަވީން އެމަޤާމަށް އައްޔަންކުރެއްވިއިރު އޭނާ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ.

އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައެވެ. ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި ނަވީން ވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި ނަވީން މަސައްކަތް ކުރައްވާފައިވާކަމާށް ފުލުހުން ވިދާޅުވިއެވެ.