ޚަބަރު

އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ދެވަނަ ބުރަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން މި އަހަރުގެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

ޕީއެސްޖީ އިން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ޕްލޭއޮފްގައި ފްރާންސްގެ މޮނާކޯ އާއި ދެކޮޅަށް ކުޅުނު މެޗު 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި ދެ ޓީމު ފުރަތަމަ ލެގުގައި ކުޅުނު މެޗު 3-2 އިން ޕީއެސްޖީ މޮޅުވެފައިވާއިރު ރޭ ކުޅުނު ދެވަނަ ލެގު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި މޮނާކޯގެ މަގްނޭސް އަކްލޫޗް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީ މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފަ އެވެ.

މޮނާކޯ އިން ރަގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް އެ ޓީމަށް ދަތިތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 58 ވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާ މަމަދޫ ކުލިބާލީ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

މޮނާކޯ އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިއުމުގެ ފައިދާ ނަގާ އޭގެ ދެ މިނިޓު ފަހުން ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ ހަ މިނިޓު ފަހުން ކްވިޗާ ކްވަރަޓްސްކޭލިއާ ވަނީ އިތުރު ލަނޑެއް ޖަހާ ޕީއެސްޖީ އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި މޮނާކޯ އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ޖޯޑަން ޓެޒޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.


ދެވަނަ ބުރުގައި ޕީއެސްޖީ ކުޅެން ޖެހޭނީ ސްޕެއިންގެ ބާސެލޯނާ ނުވަތަ އިންގްލެންޑްގެ ޗެލްސީ އާއި ދެކޮޅަށެވެ. ދެވަނަ ބުރުގެ ގުރުއަތުލުން އޮންނާނީ އަންނަ ހުކުރު ދުވަހު (މާދަމާ) އެވެ.