މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ) (العنكبوت: 45) މާނައީ: " ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތް ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ."
މި އާޔަތުގައި މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ކަށަވަރުކޮށްދެއްވާފައި އެވަނީ ނަމާދަކީ މުންކަރާތްތައް ނަހީ ކުރާ އެއްޗެއްކަމުގައެވެ. ނަމަވެސް ބައެއްފަހަރު ނަމާދުކުރާ މީހުން ވިޔާނުދާ ޢަމަލުތައް ކުރާތީ އެކަމާ ގުޅޭގޮތުން ސުވާލުކޮށް އުޅެއެވެ. ބަޔާންވެދިޔަ ވަޙީބަސްފުޅުގެ މާނަ އަހަރުމެންގެ ދިރިއުޅުމުގެ "ވާޤިޢު" ގައި ޤާއިމު ނުވަނީތޯ ސުވާލު އުފައްދައެވެ؟ މީގެ އިތުރުން ޢާންމުކޮށް ކޮށް އުޅޭ އެހެން ސުވާލެއް އޮވެއެވެ. އެއީ ނަމަދުގައި ހުންނަ އިރު ނަމަދާއި ގުޅުމެއްނުވާ ކަންކަން ހިތަށް އަރަނީ ކީއްވެހެއްޔެވެ؟
މިސުވާލުގެ ޖަވާބު ވަރަށް ކުރުކޮށް ސާދާކޮށް ބުނާކަމުގައިވަނީނަމަ ބުނެވޭނީ ނަމާދު ކުރަންވީ ގޮތަށް ނުކުރެވެނީ ކަމުގައެވެ. ނަމާދު ކުރަންވާނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރެއްވި ގޮތަށެވެ. ނަމާދުކުރުމަށް އެކަލޭގެފާނު އިރުޝާދު ދެއްވާފައިވާގޮތަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވަނީ (صَلُّوا كَمَا رَأَيْتُمُونِي أُصَلِّي) "ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ނަމާދުކުރާށެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަމާދުކުރެއްވި ގޮތް ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެކެވެ. ނޭނގޭމީހުން އެނގޭމީހުން ކުރެން އަހައިގެންނެވެ. އަދި އެކަލޭގެފާނު އިރުޝާދު ދެއްވާފައިވާ ގޮތަށް ނަމާދު ކުރުމުން ނޫނީ ވަސްވާސްތަކާއި ދުރެއް ނުވެވޭނެއެވެ. އަދި ނަމާދަކީ މުންކަރާތްތައް ނަހީކުރާ އެއްޗަކަށް ނުވާނެއެވެ. ނަމާދު ފުރިހަމަކުރުމަށްޓަކައި ނަމާދުގައި ކިޔޭ ޛިކުރުތަކާއި ތަސްބީޙަ ތަހުލީލުތަކުގެ މާނަ ރަނގަޅަށް ފަހުމުވުމަކީ ނަމާދަށް އިތުރު ފުރިހަމަކަމެއް ގެންނަ ކަމެކެވެ. އަދި އެކިއެކި ވަސްވާސްތަކާއި ނަމާދާ ނުގުޅޭ ޚިޔާލުތަކުންވެސް މީހާ ދުކުރުކުރާނެ ކަމެކެވެ.
ނަމާދުގައި ގިނަގިނައިން ކިޔޭ ތަކުބީރެއްކަމުގައިވާ الله أكبر މިކަލިމައާ މެދު ވިސްނާލަމާ ހިނގާށެވެ. "الله أكبر" މިކަލިމައިގެ މާނައަކީ އެންމެ މަތިވެރިފަރާތަކީ ﷲ އެވެ. އަދި އެންމެ ހައިބަވަންތަކަން ބޮޑު ފަރާތަކީ ﷲ އެވެ. މި މާތް ކަލިމައަކީ އަޅުގަނޑުމެން ނަމާދުގައި ތަކުރާރުކޮށް ކިޔާ ކަލިމައެކެވެ. މިކަލިމަ ތަކުރާރުކޮށް ކިޔުމުގެ މާނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެންމެ މަތިވެރި ފަރާތްކަމަށް އިޢްތިރާފުވުމެވެ. ﷲ އީ އެންމެ މަތިވެރިފަރާތްކަމަށް އިޢްތިރާފުވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ ދުލުކުރިން الله أكبر ކިއުމުން ނިމުނީހެއްޔެވެ؟ ނޫންނަމަ ހިތުގެ އަޑިން އެކަލިމައިގެ މާނަ ޤަބޫލުރުމާއެކު އެކަލިމަ ނިޔާކުރާ ހުރިހައި ކަމެއްމެ ޤަބޫލުކުރަންޖެހޭނެހެއްޔެވެ؟ ޝައްކެއް ނެތްގޮތުގައި ދުލުކުރިން ކިޔުމާއި އެކުއެކީގައި ހިތުގެ އަޑިން ޤަބޫލުކުރުން އެއީ ލާޒިމުކަމެކެވެ. އަދި އެކަލިމަ ނިޔާރުކުރާގޮތަށް ޢަމަލުކުރުމަކީ އެއަށްވުރެ މުހިއްމުކަމެކެވެ.
الله أكبر މިހެން ބުނުމުން ﷲ އީ އެންމެ މަތިވެރިފަރާތްކަން ދޭހަވެއެވެ. ނަމަވެސް ﷲ މަތިވެރިވަނީ ކޮންގޮތަކުންހެއްޔެވެ؟ ކޮން ހައިސިއްޔަތަކުންހެއްޔެވެ؟ ޖުމްލަކޮށް ބުނާނަމަ ހުރިހާގޮތަކުންވެސް ﷲ އީ އެންމެ މަތިވެރި ފަރާތެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (لَيْسَ كَمِثْلِهِ شَيْءٌ) (الشورى: 11) މާނައީ: "އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ."
ﷲ މަތިވެރިވަނީ އެކަލާންގެ ޒާތުފުޅުގައެވެ. ﷲ މަތިވެރިވަނީ އެކަލާނގެއީ އަޅުގަނޑުމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ކަމުގައިވާތީއެވެ. ﷲ މަތިވެރިވަނީ އެކަލާނގެ ސިފަފުޅުތަކުގައެވެ. އަހަރެމެން އިންސާނުން އަޑުއަހާ އަދި ދެކެއުޅެމެވެ. ނަމަވެސް އިންސާނުންގެ އަޑުއެހުމާ ބެލުމާއި ﷲ ގެ ބައްލަވާވޮޑިގަތުމާ އައްސަވާ ވޮޑިގަތުމާ މިއީ އަޅާކިއޭނެ ދެކެމެއް ނޫނެވެ. އަޅުގަނޑުމެންގެ އަޑުއެހުމާއި ފެނުމަކީ ވަކި މިންވަރެއްގެ ތެރޭގައި ހިނގާކަމެކެވެ. ނަމަވެސް ﷲ އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެންވާ ފަރާތެވެ. އަޅުގަނޑުމެންގެ އުނި ސިކުނޑިން ކަންކަމާމެދު ވިސްނޭނީ އުނިކޮށެވެ. އެކަލާނގެއީ އުނިސިފަތަކުން ހުސްދުރުވެވޮޑިގެންވާ ކަލާނގެކަމުގައިވާތީ، ފުރިހަމަފަރާތުގެ ފުރިހަމަކަމެއް އުނި މަޚްލޫޤެއްގެ އުނި ސިކުނޑިއަކުން ވިސްނުމަކީ މުސްތަޙީލު ކަމެކެވެ. އެކަލާނގެ މަތިވެރިވަނީ އެކަލާނގެ ޒާތުފުޅުގައެވެ. އެކަލާނގެ ޙައްޤުފުޅުތަކުގައެވެ. އެކަލާނގެ ޚަލްޤުކުރެއްވުމުގައެވެ.
އަޅުގަނޑުމެން ނަމާދުގައި މި ތަކުބީރު ކިޔައި ނަމާދުން ބޭރަށް ޢާންމު ދިރިއުޅުމުގެ ތެރެއަށް ނިކުންނައިރު އެނިކުމެވެނީ ﷲ އީ އެންމެ މަތިވެރި ފަރާތްކަމަށް އެތަކެއްފަހަރު އިޢުތިރާފް ވުމަށް ފަހުގައެވެ. މިއިޢުތިރާފް ނިޔާކުރާ ގޮތުން ﷲ އީ އެންމެ މަތިވެރި ފަރާތްކަމަށް އަޅުގަނޑުމެން ގަބޫލުކުރާނަމަ އެފަރާތުން ކުރައްވާ އަމުރުފުޅުތަކަށް އަޅުގަނޑުމެން ތަބާވާނެއެވެ. އަދި ދެވަނަ ފަހަރު ﷲ ރުއްސަވާ ވޮޑިގެން ނުވާކަމެއް ކުރުމަށް ޖެހިލުންވާނެއެވެ. އަދި އެފަދަ ކެމެއް ނުކުރުމަށް ޢަޒުމުކަނޑައަޅާނެއެވެ.
މިއީ ހަމަ އެކަނި ނަމާދުގައި ކިޔޭ ތަކުބީރާއި މެދު ވިސްނުމާއި އޭގެ ނަތީޖާ ކަމުގައިވަންޏާ މުޅި ނަމާދުގައި ކިޔާ ތަސްބީޙަތަކާއި ތަހްލީލުތަކާއި އޭގައި ކިޔަވާ ކިޔެވުމާއި މިކަންކަމުގެ މުރާދު އެނގި ނަމާދު ކުރުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވާ ގޮތުގައި ނަމާދު ކުރާނަމަ ހަމަ ގައިމުވެސް ކީރިތި ﷲ ގެ ވަޙީބަސްފުޅު ކަމުގައިވާ (اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ) (العنكبوت: 45) މި އާޔަތުގައިވާ އިލާހީ ވަޢުދުފުޅު ކަށަވަރުވާނެކަމާމެދަކު ޝައްކެއް ނެތެވެ. އޭރުން އަޅުގަނޑުމެންގެ މުޖްތަމަޢަކީ އަޚްލާޤީ ބަލިތަކުން ސަލާމަތްވެގެންވާ މުޖްތަމަޢެއްކަމުގައި ވާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.
-އަލްއުސްތާޛު މުޙައްމަދު ޢީސާ-