ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ، ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން އެޅި ފިޔަވަޅުތަކުން ވީއްލި މިއަހަރު ރާއްޖެއިން 6 މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފިއެވެ.
ބިއޭއެމްއިން ބުނީ މިއަހަރު ބައިނަލްއަގްވާމީ 6 މުބާރާތަކުން ރާއްޖެއަސް ފުރުސަތު ލިބިފައިވާއިރު އެންމެ ފުރަތަމަ ވާދަކުރާނީ ސައުތު އޭޝިއަން ރީޖަނަލް ޖޫނިއާ ޗެމްޕިއަންޝިޕް 2026 ގައި ކަމަށެވެ. އެ މުބާރާތް އޮންނާނީ އޭޕްރީލް 7-1 އަށް ޕާކިސްތާނުގައެވެ.
ދެން ބައިވެރިވާނީ 7-12 އޭޕްރީލަށް ޗައިނާގެ ނިމްބޯގައި ބާއްވާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްސް 2026ގަ އެވެ. އަދި 22-30 އޭޕްރީލްގެ ނިޔަލަށް ޗައިނާގެ ސަންޔާގައި ބާއްވާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައިވެސް ރާއްޖޭގެ އެތުލީޓުން ވާދަކުރާނެއެވެ.
އަދި ޖޫން 26 ން ޖުލައި 5 ގެ ނިޔަލަށް ޖަޕާނުގެ ޔަޓުޝިރޯގައި ބާއްވާ ބެޑްމިންޓަން އޭޝިއާ ޖޫނިއާ ޗެމްޕިއަންޝިޕް 2026ގައި ރާއްޖެއިން ބައިވެރިވާނެއެވެ.
އެއަށްފަހު ބެޑްމިންޓަނުން ބައިވެރިވަނީ ގިނަ ކުޅިވަރުތަކަކުން ތައްޔާރުވަމުން އަންނަ 20 ވަނަ އޭޝިއަން ގޭމްސް 2026 ގައެވެ.
އެއަށްފަހު ބައިވެރިވާނީ ޔޫތް އޮލިމްޕިކް ގޭމްސް، ވައިއޯޖީ 2026 ގައެވެ. އެ މުބާރާތް އޮންނާނީ އޮކްޓޫބަރު 30 ން 13 ނޮވެމްބަރުގެ ނިޔަލަށް ސެނެގާލްގައެވެ. އަދި 6 ވަނަ އޭޝިއަން އިންޑޯ އެންޑް ޟާޝަލް އާޓްސް ގޭމްސް - ރެއިޑް 2026 ގައިވެސް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ވާދަކުރާނެއެވެ. އެ މުބާރާތް އޮންނާނީ 28 ނޮވެމްބަރުން 7 ޑިސެމްބަރުގެ ނިޔަލަށެވެ.
މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ އާއި ކަމާ ގުޅޭ ފަރާތަކުން ކުރި ކާމިޔާބު މަޝްވަރާތަކަށް ފަހު ބީއޭއެމް އަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން އަޅާފައިވާ ފިޔަވަޅުތައް އުވާލީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރުގައެވެ. އެއާއެކު އޮކްޓޫބަރު 2025 ގައި ބަހްރެއިންގައި ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައި އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ވާދަކުރިއެވެ.
އިންތިހާބު ނުބާއްވާ ދިގުލައިގެން ގޮސް މައްސަލަގަނޑެއްގެ ތެރޭގައި އޮތް ބީއޭއެމްގެ އައު އިންތިހާބު ބާއްވާ އަލުން އެސޯސިއޭޝަން ވުޖޫދުކޮށް، ޤައުމީ ޙައިސިއްޔަތު ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން އެ އެސޯސިއޭޝަނަށް އަލުން ދިނީ ޑިސެމްބަރު 2025 ގައެވެ.