ޚަބަރު

މޮރޮކޯއިން ކޯޗަކަށް ގެންނަން އެންމެ ބޭނުންވަނީ ޒަވީ


  • މޮރޮކޯއިން ޒަވީ ގެންނަން މަސައްކަތް ކުރަނީ ރެގްރާގީ މަގާމުން އިސްތިއުފާ ދިނުމުން

  • ރިޕޯޓުތައް ބުނާގޮތުން ޒަވީ ވެސް މަގާމާ ހަވާލުވާން ބޭނުންވޭ

މޮރޮކޯގެ ގައުމީ ފުޓުބޯޅަ ޓީމުގައި ހުސްވެފައިވާ ކޯޗުކަމުގެ މަގާމަށް، އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ގެންނަން އެންމެ ބޭނުންވަނީ ބާސެލޯނާގެ ކުރީގެ ކޯޗު، ޒަވީ ހެނާންޑޭޒް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މާކާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މޮރޮކޯގެ އެފްއޭ އިން އަންނަނީ ޒަވީއާ މަޝްވަރާކުރަމުންނެވެ. މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ބާސާގެ ކޯޗުކަމުގެ މަގާމު ގެއްލުނު ޒަވީ، ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ގެންނަން މޮރޮކޯއިން މަސައްކަތްކުރަމުން މިދަނީ، މޮރޮކޯގެ ކޯޗުކަމުން ވަލީދު ރެގްރާރީ އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

އޭނާ މަގާމުން އިސްތިއުފާދީފައި ވަނީ، އޭނާގެ މަގާމާ މެދު މޮރޮކޯ ފެޑަރޭޝަން ތެރޭގައި ސީރިއަސް ބަހުސްތަކެއް ކުރެވެން ފަށައި ވަރަށް ބޮޑަށް އެ ހިޔާލުތައް ކަފިކަފިވެފައި ވަނިކޮށެވެ. ޒަވީ ގެންނަން މޮރޮކޯއިން މަސައްކަތް ފަށާފައިވާއިރު އެ ޓީމުން މިހާރު ތައްޔާރުވަމުން ދަނީ މީގެ ހަތަރު މަސް ފަހުން ފަށާ ފީފާ ވޯލްޑް ކަޕަށެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން ޒަވީ ހުރީ އެ މަގާމާ ހަވާލުވާން ބޭނުންވެފައެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރު ދެ ފަރާތުގެ ދެމެދުގައި ރަސްމީ އެއްބަސްވުމެއް އެކުލަވާލެވިފައެއް ނުވެއެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާއާއެކު އެތައް ކާމިޔާބީއެއް ހޯދާފައިވާ ޒަވީ، ބާސާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އޭނާއަށް ކޯޗެއްގެ ގޮތުގައި ބާސާއާއެކު މާގިނަ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ.

ޒަވީގެ އިރުޝާދުގެ ދަށުން ބާސާއަށް ކާމިޔާބުކުރެވުނީ 2022/2023 ވަނަ ސީޒަނުގެ ސްޕެނިޝް ލީގާއި 2023 ވަނަ އަހަރުގެ ސްޕެނިޝް ސުޕާ ކަޕެވެ. ބާސާގެ ކޯޗުކަމުގެ މަގާމުން 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޒަވީ ވަކިކުރި ފަހުން، އެހެން ޓީމަކަށް އަދި އޭނާ އިރުޝާދުދީފައެއް ނުވެއެވެ.