ޚަބަރު

ނުފުރި ތިބި ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދެނީ


  • ރާއްޖެއިން ފުރަން އޮތް 8 ފްލައިޓެއް ވަނީ ކެންސަލްވެފައި

  • ފަތުރުވެރިންގެ ކަންކަން ބެއްލެވުމަށް ވަޒީރު ވަނީ އެއާޕޯޓަށް ވަޑައިގަންނަވާފައި

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންނަށް ހާލު ބަލައި ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވަމުން ގެންދަވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިންގެ ކަންކަން ބެއްލެވުމަށް ވަޒީރު ވަނީ އެއާޕޯޓަށް ވަޑައިގަންނަވާފައެވެ.

ރާއްޖެއިން ފުރަން އޮތް 8 ފްލައިޓެއް ވަނީ ކެންސަލްވެފައެވެ. 1400 އެއްހައި ފަތުރުވެރިން އެއާޕޯޓުގައި ވަނީ ނުފުރި ތާށިވެފައެވެ. ވަޒީރު ވިދާޅުވީ، ފްލައިޓްތައް ކެންސަލްވާން ފެށި ހިސާބުން ފަތުރުވެރިންނަށް އެމީހުން އަނބުރާ ރިސޯޓަށް ނުވަތަ ގެސްޓްހައުސްއަށް ދެވޭނެ ގޮތް ހަމަޖައްސައިދިން ކަމަށެވެ. އަދި ބައެއް ފަތުރުވެރިން ބޭނުންވީ އިތުރަށް ޓިކެޓް ބަދަލު ކޮށްގެން އެހެން ފްލައިޓެއްގައި ދިއުމުގެ މަސައްކަތް ކުރަން ކަމަށާއި، އެކަންކަންވެސް ފެސިލިޓޭޓް ކޮށްދިން ކަމަށެވެ. އަނެއްބައި ފަތުރުވެރިން ބޭނުންވީ އެއްވެސް ތަނަކަށް ނުގޮސް އެއާޕޯޓުގައި ތިބެގެން ވާގޮތެއް ބަލާފައި ދެން ކުރިއަށް ފިޔަވަޅު އަޅަން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އެމްއޭސީއެލްއިން މިކަމުގައި ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އެގޮތުން ފަތުރުވެރިން އެއާޕޯޓުގައި ހޭދަކުރާ ވަގުތު ފަސޭހަކަމާއިއެކު ހޭދަކުރެވޭނެ ގޮތައް ކަންކަން ހަމަޖައްސައިދިން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޓާމިނަލް ތެރޭގައި ފުދޭވަރަކަށް ކޮންފަޓަބަލްކޮށް ފަތުރުވެރިން މިތިބީ. އަދި އޭގެ އިތުރަށް އެމްއޭސީއެލްއިން މިހާރު އެބަ ޕްރޮވައިޑްކޮށްދެއްވާ ކޮންމެވެސް ވަރަކަށް ނިދާލެވޭނެ ގޮތައް ފްލޯގައި ބްލެންކެޓާއި އެއްޗެހި ދީފައި އެބަ ހަމަޖައްސާދެއްވާ. ސަރުކާރުންނާއި އަދި އިންޑަސްޓްރީން އަދި އެމްއޭސީއެލްއިންވެސް މި މަސައްކަތް ކުރަނީ ނުފުރިފައި ތިބި ފަތުރުވެރިންނަށް ފަސޭހަކަމާއިއެކު މިރޭ ހޭދަކޮށް އަދި ކުރިއަށްއޮތް ތަނުގައިވެސް އެބޭފުޅުންނަށް ފުރެންދެން އަޅުގަނޑުމެންނަށް އެސިސްޓްކޮށްދެވޭނީ ކޮންގޮތަކަށްތޯ ބަލައި އެކަންތައްތައް ކޮށްދިނުން. އާއިލާތަކަށް އިތުރު ފަސޭހަތަކެއް ހަމަޖައްސައިދިނުމަށް އެބަ ބަލަން. ކުރީގެ އައިލެންޑް އޭވިއޭޝަންގެ ލައުންޗް ހުޅުވައިގެން އެތަން ސާފުކޮށްފައި އެތަންވެސް އާއިލާތަކަށް ތިބެވޭގޮތައް ހަދަން." ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިން މަޑުކޮށްގެން ތިބީ ކުރީގެ ޑޮމެސްޓިކް ޓާމިނަލްއާއި، ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައި ހުންނަ ރެސްޓޯރެންޓުގެ ތިރީގައި ހުންނަ އޭސީ ސަރަހައްދުގައެވެ. ފަތުރުވެރިންނަށް ނިދޭނެ އިންތިޒާމާއި އަދި ފެން ލިބޭނެ އިންތިޒާމް އެތަނުގައި ވަނީ ހަމަޖައްސާދީފައެވެ.

މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ ކުރިން ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓުން ހޯދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ދަތުރުކުރާ އެއާލައިންގެ ވެބްސައިޓު ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެފަހުގެ މައުލޫމާތު ހޯދުމާއި، ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓްތަކުގެ އެންމެފަހުގެ މައުލޫމާތު ހޯދުމާއިއެކު، އެ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ތަބާވުމަށް ވަނީ އެދިފައެވެ. އަދި ދުރާލާ ދަތުރުގެ ކަންކަން ރޭވުމަށްވެސް އެދިފައިވެއެވެ.