ފުޓުބޯޅައަކީ ކުރިންވެސް ރާއްޖޭގައި ވަރަށް ފޯރީގައި ގަލޮޅު ދަނޑުގައި ކުރިޔަށް ދިޔަ ކަމެއް ކަމަށާއި، އަނެއްކާވެސް މިއަންނަނީ ފޯރި އާލާވަމުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެވެ.
ޕްރެސިޑެންޓްސް ކަޕް 2026 ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ 2025/2026 ގެ ފުޓުބޯޅަ ސީޒަން ފަށައިގެން މިހާ ހިސާބަށް އައިއިރު މެޗުތައް ބަލަން ގަލޮޅު ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވާން ފަށައިފިކަމަށެވެ.
އަދި ކުލަބުތަކާއި އެފްއޭއެމް ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، އިހުއޮތް ފޯރި އަލުން އިޔާދަވެގެން އަންނަ މަންޒަރު ފެންނަމުންދާ ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ.
"ގާތްގަނޑަކަށް 2000 އަށްވުރެ ގިނަ މީހުން ކުޅިބަލަންވެސް މިރޭ (ޕްރެސިޑެންޓްސް ކަޕްގެ ފައިނަލް މެޗު އޮތް ރޭ) ވަންކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނީ. މިއީ ފުޓުބޯޅަ ނަގާ ކޮޅަށް ޖެހުމުގައި ކުރި މަސައްކަތުގެ ނަތީޖާއޭ ފެނިގެން މިދިޔައީ" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އެފްއޭއާއި ކުލަބުތަކާއި ސަރުކާރުގެ އެހެން މުއާއްސަސާތަކުން ފުޓުބޯޅަ ކުރިއަރުވަން ކުރާ މަސައްކަތަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މުސްތަގްބަލުގައި ފުޓްބޯޅަ ކުރިން އޮތް ހިސާބަށް ގެންދެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، މިއީ ކުރިން އޮތް ފޯރި އަލުން ގެނެވޭނެ ކުޅިވަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެފްއޭއެމްއާއި ކުލަބުތަކުގެ އިތުރުން ފުޓުބޯޅަ ކުރިއެރުވުމަށް ފާއިތުވި ދުވަސްތަކުގައި މީޑިއާއިން ކުރި މަސައްކަތްތައްވެސް ފާހަގަކޮށްލެވޭ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މުސްތަގްބަލުގައި ފޯރި އޮތް ގޮތަށް ކުރިޔަށް ގެންދަން މަސައްކަތް ކުރާނެ ކުޅިވަރެއް މީ. އަދިވެސް އެއްފަހަރު މުބާރާތް އެހާ ކާމިޔާބުކޮށް ގެންދިއުމަށް ހަމަ ޝާމިލުވެ އުޅުނު ހުރިހާ ފަރާތްތައް މީޑިއާވެސް ހިމެނޭ ގޮތަށް ޝުކުރު ދަންނަވަން" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ހީނަރުކަން ދިމާވީ އެފްއޭއެމްގެ ހިންގުން ދޯދިއާވެ، ނަހަމަގޮތުގައި އެ އިދާރާގެ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމާއި، ފަންޑު މެނޭޖުކުރުމާއި އިދާރީ ހިންގުމުގައި ކުރިމަތިވި ކޮރަޕްޝަނުގެ މައްސަލަތަކުގެ ސަބަބުންނެވެ.
އެހެންކަމުން ރާއްޖޭގެ އެފްއޭއަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ފިޔަވަޅު އަޅާ، އެ އިދާރާގެ ހިންގުން ހަވާލުކުރީ ނޯމަލައިޒޭޝަން ކޮމިޓީއަކާއެވެ. އެ ކޮމިޓީގެ ބެލުމުގެ ދަށުން އައު އިންތިހާބު ބާއްވާ އަލުން އެފްއޭއެމަށް އަމިއްލަ ބާރުގައި ހިންގުމުގެ ފުރުސަތު ލިބުނީ 26 ޖުލައި 2026 ގައެވެ.
އެހެންނަމަވެސް އިދާރާއަށް ހުރި މާލީ ދަތިތަކާއި ވަސީލަތްތަކުގެ ދަތިތަކާއި އަމިއްލަ އޮފީހެއް ނެތުމުގެ ސަބަބުން އަދިވެސް އެންމެ ބޭނުންވާ ހިސާބަށް ގެންދުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެ ގޮންޖެހުންތަކުގެތެރެއިންވެސް ފުޓްބޯޅަ ހުއްޓުނަ ނުދީ ކުރިޔަށް ގެންދިއުމަށް މިސީޒަނުގެ ތެރޭގައި ގިނަ މުބާރާތްތަކެއް އެފްއޭއެމުން ކަލަންޑަރުކޮށް، އެ ތާވަލާއި އެއްގޮތަށް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.