ޚަބަރު

ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގި މީހަކު 17 އަހަރަށް ޖަލަށް


ޢާއިލީ ގޮތުން އިތުބާރުކުރަންޖެހޭ ޙައިޞިއްޔަތެއް އޮތް މީހަކު އެކި ދުވަސްމަތިން ކުޑަކުއްޖަކާ ޖިންސީ ޢަމަލު ހިންގުމުގެ ކުށް ސާބިތުވެ 17 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ކުޑަކުއްޖާއާ ޢާއިލީ ގޮތުން އިތުބާރުކުރަންޖެހޭ ޙައިޞިއްޔަތެއް އޮވެ، އެ ކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޙުކުމްކޮށްފައިވަނީ ހ. ގޯލްޑަންޝަވަރ، ޢުމުރުން 51 އަހަރުގެ މަޙްމޫދު ޙުސައިންގެ މައްޗަށެވެ. މަޙުމޫދު ޙުސައިންގެ މައްޗަށް ޙުކުމް ކުރައްވާފައިވަނީ، ދައުލަތުން މަޙްމޫދު ޙުސައިންގެ މައްޗަށް ކޮށްފައިވާ ދަޢުވާ މަޙްމޫދު ޙުސައިންގެ އަމިއްލަ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާތީކަމަށް، ދަޢުވާ ބެއްލެވުމަށްފަހު ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރެއްވި ޙުކުމްގައި ބަޔާންކުރައްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަޙްމޫދު ޙުސައިންގެ މައްޗަށް ސާބިތުވެފައިވާ ދަޢުވާއަކީ، 2014 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސްމަތިން ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާފައިވާ މައްސަލައާ ގުޅިގެން އުފުއްލަވާފައިވާ ދަޢުވާއެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

މަޙްމޫދު ޙުސައިންގެ މައްޗަށް ކުށް ސާބިތުވެ ޙުކުމް ކުރައްވާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުންނެވެ.