ތަރައްްޤީ

އެމްޕީއެސްއިން، ސްޓޭޝަން މެނޭޖްމަންޓް ކޯހެއް ފަށްޓަވައިފި


މޯލްޑިވްސް ޕޮލިސް ސަރވިސުން، ސްޓޭޝަން މެނޭޖްމަންޓް ކޯހެއް ފަށްޓަވައިފިއެވެ.

މިއީ، އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރައްވައި ރައްޔިތުންނާ ގާތުން ޚިދުމަތް ދެއްވުމުގައި ޙަރަކާތްތެރިވާ ފުލުހުންނަށް ޕޮލިސް ސްޓޭޝަންތައް ހިންގެވުމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާއިރު ބޭނުންވާ މުހިއްމު ދާއިރާތަކުން ތަމްރީނުދެއްވުން ހިންގަވާ ކޯހެކެވެ. ފުލުހުންގެ ތަމްރީނުގެ މަރުކަޒު ކަމުގައިވާ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒުން ހިންގަވާ މި ކޯހަކީ ފުލުހުންގެ މަރުކަޒުތައް ހިންގެވުމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ފުލުހުންނަށް، ހިންގުމުގެ ދާއިރާއިންނާއި އިދާރީ ކަންކަން ހަމަޖެއްސެވުމާއި ތަޙްޤީޤުގެ ދާއިރާތަކުންނާއި މި ނޫންވެސް މުހިއްމު ދާއިރާތަކުންވެސް މި ކޯހުގައި ތަމްރީނުތައް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ މިންގަނޑުގައި 3 ވަނަ ދަރަޖައިގައި ހިންގަވާ މިކޯހުގެ މުއްދަތަކީ 16 ހަފްތާއެވެ. މި ކޯހުގައި 35 ފުލުހުން ބައިވެރިވެއެވެ.

މި ކޯހުގައި ބައިވެރިވެލައްވާ ފުލުހުން ފުރަތަމަ 8 ހަފްތާގައި އެކިއެކި ތަމްރީނު ސެޝަންތައް ފުރިހަމަކުރެއްވުމަށްފަހު އަނެއް 8 ހަފްތާގައި މަސައްކަތްކުރައްވާނީ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި ޢަމަލީ ތަޖުރިބާ ހޯއްދެވުމަށެވެ. ކަންކަމުގައި އިސްނަގައި ޙަރަކާތްތެރިވުމާއި ރަށްރަށުގެ އިޖްތިމާޢީ ޙަރަކާތްތަކާއި ކުށުގެވެށި ކުޑަކުރުމާއި ރައްޔިތުން އެދޭފަދަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ދެވޭނެ ގޮތަށް މި ކޯހުގައި ފުލުހުންނަށް ތަންރީންދެއްވާނެއެވެ.