ޚަބަރު

ފެބުރުވަރީ މަހު މީރާއަށް 2.80 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް


  • އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ ޖީއެސްޓީ

  • އާމްދަނީގެ ތެރޭގައި 126.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ

ފެބުރުވަރީ މަހު މީރާއަށް 2.80 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ %0.8 ދަށް އަދަދެކެވެ. އަދި މިއަހަރުގެ ފެބުރުވަރީ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %11.6 ދަށް އަދަދެކެވެ.

މީރާއިން ވިދާޅުވީ، މިދިޔަ އަހަރުގެ ފެބުރުވަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީއާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ. މީގެ އިތުރުން އާމްދަނީ ދަށްވުމުގެ މައިގަނޑު އަނެއް ސަބަބަކީ، ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާއި ދިމާވުމުގެ ސަބަބުން، މާރިޗު މަހުގެ ދުވަސްތަކަކަށް މުއްދަތު އިތުރުކޮށްފައިވާތީ ކަމަށް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު، މިދިޔަ މަހު އެޑްވާންސްކޮށް ދައްކާފައިވާ ޕޭމަންޓްތައްވެސް އިތުރުވެފައިވާ ކަމަށެވެ.

މީރާއިން ވިދާޅުވީ، މިދިޔަ މަހު އަންދާޒާކުރި އާމްދަނީ އަށްވުރެ %11.6 ދަށްވި މައިގަނޑު އެއް ސަބަބަކީ ޖީ.އެސް.ޓީއިން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ. މީގެއިތުރުން އެއާޕޯޓް ޓެކުހާއި ފީ އަދި ގްރީން ޓެކުހުން ލިބުނު އާމްދަނީ ދަށްވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބެއް ކަމަށް ވިދާޅުވިއެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ %19.0އަކީ، ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށާއި އަދި އާމްދަނީގެ %16.9 ލިބުނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް މީރާއިން ވިދާޅުވިއެވެ.

މިދިޔަ މަހު ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ޖުމްލަ 666 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 399 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 156 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. މީގެ އިތުރުން، އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާން ކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 34 މިލިއަން ރުފިޔާ އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 5 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ވިދާޅުވިއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާ ކުރަނީ ޖީ.އެސް.ޓީއެވެ. އެއީ، (%52.3) ނުވަތަ 1.4 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީއިން ނަގާ ޓެކުހުންނެވެ. އެއީ (%21.4) ނުވަތަ 599.2 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 200.36 މިލިއަން ރުފިޔާ (%7.2)، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 134.33 މިލިއަން ރުފިޔާ (%4.8)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 122.56 މިލިއަން ރުފިޔާ (%4.0) އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 196.34 މިލިއަން ރުފިޔާ (%3.3) ލިބިފައިވެއެވެ.

މީގެއިތުރުން މިއަހަރުގެ ފެބުރުވަރީ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 126.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއެވެ.