ޚަބަރު

ނިއު ޒިލޭންޑް ބަލިކޮށް އިންޑިޔާ ތަށި ދިފާއުކޮށްފި


ޓީ ޓްވެންޓީ ކްރިކެޓް ވޯލްޑްކަޕްގެ ޗެމްޕިއަންކަން އިންޑިޔާއިން ދިފާއުކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާ އިން މި މުބާރާތުގެ ތަށި ދިފާއުކޮށްފައިވަނީ ފައިނަލުގައި ނިއު ޒިލޭންޑް އާއި ދެކޮޅަށް ކުޅުނު މެޗު 96 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

އިންޑިޔާގެ އަހުމަދު އާބާދުގެ ނަރެންދްރާ މޯޑީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ނިއު ޒިލޭންޑް އިން ގަސްތުކުރީ ހޮވުމަށެވެ. އެހެންކަމުން އިންޑިޔާ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 255 ލަނޑު ހަދާފަ އެވެ.

މި އިނިންގްސްގައި އިންޑިޔާ އިން އެންމެ ރަގަޅަށް ކުޅެފައިވަނީ 46 ބޯޅައިން 89 ލަނޑު ހެދި ސަންޖޫ ސެމްސަން އާއި 25 ބޯޅައިން 54 ލަނޑު ހެދި އިޝާން ކިޝާން އެވެ.

ޖަވާބުގައި ނިއު ޒިލޭންޑް ކުޅެން އަރާ 19 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 159 ލަނޑެވެ. ނިއު ޒިލޭންޑް އިން އެންމެ ރަގަޅަށް ކުޅެފައިވަނީ 26 ބޯޅައިން 52 ލަނޑު ހެދި ސޭފަރޓް އާއި 35 ބޯޅައިން 43 ލަނޑު ހެދި ސެންޓްނަރ އެވެ.

އިންޑިޔާ އިން މި މުބާރާތުގެ ތަށި ދިފާއު ކޮށްފައިވާއިރު މިއީ ޓީ ޓްވެންޓީ ކްރިކެޓް ވޯލްޑްކަޕްގެ ތަށި ފިރިހެން ޓީމަކުން ދިފާއުކުރި ފުރަތަމަ ފަހަރެވެ.

އެއް ލައްކަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި އިންޑިޔާ އިން ހޯދިއިރު އެ ޓީމުން ވަނީ 2025 ވަނަ އަހަރު ބޭއްވި ޗެމްޕިއަންސް ޓްރޮފީވެސް ކާމިޔާބުކޮށްފަ އެވެ.