ޚަބަރު

އަންހެނުންގެ ތަރައްޤީއަށް ޙަޤީޤީ މާނައިގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް!


  • ވިޔަފާރީގެ ދާއިރާއިން އަންހެނުން ކުރިއަރުވަން ދަނީ މަސައްކަތްތަކެއް ކުރަމުން

  • ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ދަނީ ފުޅާވަމުން

ޤައުމެއް ކުރިއަރައިގެން ދާނީ، އެ ޤައުމެއްގައި ދިރިއުޅޭ ހުރިހާ ފަރުދުން ބާރުވެރި ކޮށްގެންނެވެ. މިންތީގެ ހަމަހަމަކަން ޤާއިމުކޮށް، ޤައުމުގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުންވެސް ހިމަނައިގެންނެވެ. މިއީ، ވެރިކަމުގައި ކޮންމެ ބަޔަކު ތިބިކަމުގައިވިނަމަވެސް ރައްޔިތުންނަށް އަޑު އިވޭ ވާހަކަތަކެވެ. ނަމަވެސް ބައެއްފަހަރު މިވާހަކަތައް ނިމެނީ، އެ ބުނެލާ ބަހަކުން އެކަންޏެވެ. ނަމަވެސް އަދުގެ ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތައް ދައްކުވައިދެނީ އަމަލީ ގޮތުންނެވެ.

ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާތާ އެތައް އަހަރުތަކެއް ވަނީ ވެފައެވެ. ގޭގައި ތިބެގެން ކުދި ވިޔަފާރިތައް ހިންގާ އެތައް އަންހެނުންނެއް ތިބިއިރު، އެ އަންހެނުން އިންތިޒާރު ކުރަމުން އައީ އެ ވިޔަފާރި ފުޅާ ކުރެވޭނެ ލުއި ފުރުޞަތަކަށެވެ. އެ ފުރުޞަތު މިއަދު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން، އަލަށް ވިޔަފާރި ފަށަން އަދި މިހާރު ހިންގަމުންދާ ވިޔަފާރިތައް ފުޅާކުރަން ބޭނުންވާ އަންހެނުންނަށް ޚާއްސަކޮށް 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސިންގ ހަމަޖެހިގެންދާ "ފަށާ މަދަދު" ސްކީމާއި، ޝަރީޢާ އުސޫލުގެ ތެރެއިން 25،000 ރުފިޔާއާއި 250،000 ރުފިޔާއާ ދެމެދުގެ ފައިނޭންސިންގ ލިބޭގޮތަށް ތަޢާރަފު ކުރި ފެސިލިޓީތަކަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

މި ލޯނު ފެސިލިޓީތަކުގެ މަޤުސަދަކީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ނުކުންނަ އަންހެނުންގެ އަދަދު އިތުރުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ އަންހެނުންނަށް ބޭނުންވާ މާލީ މިނިވަންކަން ހޯދައިދީ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އަންހެނުންނަށް ޚާއްސަ ލޯނު ފެސިލިޓީތަކުގެ އިތުރުންވެސް ރާއްޖޭގައި އަންހެނުން ގިނައިން ހަރަކާތްތެރިވާ އެކި ދާއިރާތަކުން ލުއި ލޯނު ފުރުޞަތުތައް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންޓެންޓް ކްރިއޭޭޓަރުންނާއި، ދަނޑުވެރިންނާއި، މަސްވެރިކަމުގެ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާ ފައިނޭންސިންގ ފެސިލިޓީތަކަކީ، އެ ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުންނަށްވެސް ލިބިގެންދާ މުހިންމު ފުރުޞަތެކެވެ.

ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ މައިދާނުގައިވެސް އަންހެނުން ބާރުވެރި ކުރުވުމަށް އަދުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބެވިއިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ 3 އަންހެން މެންބަރުންނެވެ. އެ 3 މެންބަރުންނަކީވެސް ވެރިކަން ކުރާ ޕާޓީ، ޕީޕަަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ ތަމްސީލް ކުރައްވާ މެންބަރުންނެވެ. މިއީ، ނިސްބަތުން މަދު އަދަދަކަށްވިނަމަވެސް ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުކޮށް، މަޖިލީހުގައިވެސް އަންހެނުންގެ ދައުރު މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ރާއްޖޭގައި އަންހެނުންގެ ތަރައްޤިއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރޯލު ބަދަލުކޮށްދިނީވެސް އަދުގެ ސަރުކާރުންނެވެ. މީގެ ކުރިން މި ކޮމިޓީތަކަކީ، ރަށްރަށަށް އަންނަ ޚާއްސަ މެހެމާނުންގެ ކެއުމާއި، ބުއިމުގެ ކަންކަން ކުރާ ބައެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަވެފައި އޮތް ކޮމިޓީތަކެކެވެ. ނަމަވެސް އެ ކޮމިޓީތަކުގެ ދައުރު އެއަށްވުރެ ބޮޑުކަން ހާމަކޮށްދީ، ހަޤީޤީ މާނައިގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ފުރުޞަތު އެ ކޮމިޓީތަކަށް އަދުގެ ސަރުކާރުން ދަނީ ދެއްވަމުންނެވެ. އެގޮތުން، ކޮމިޓީތަކަށް ލިބޭ ބަޖެޓަކީ އެފަދަ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ބަޖެޓެއް ނޫންކަމަށް ގިނަ ކޮމިޓީތަކަކުން ރައީސާ ޙިއްސާކުރެއްވުމުން އެ ބަދަލު ގެންނަވައި މިހާރު އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓު ވަނީ ދެގުނަ ކުރައްވާފައެވެ.

އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓު ބޮޑު ކުރުމުގެ އިތުރުން މި ސަރުކާރު އައިފަހުން ފުރަތަމަ ފަހަރަށް އެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ މަހުގެ އެލަވަންސްވެސް ވަނީ ލިބެން ފަށާފައެވެ. އަދި އެ ކޮމިޓީއަކީ، ޕާޓް ޓައިމް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ކޮމިޓީގެ ރައީސަކީ ކައުންސިލްތަކުގެ ރައީސުން އިންތިޚާބު ކުރާ ގޮތަށް ވަކިން އިންތިޚާބު ކުރާ މަޤާމަކަށް ހައްދަވައި، އަދުގެ ސަރުކާރުން ވަނީ އެ މަޤާމަކީ ފުލް ޓައިމް މަޤާމަކަށް ހަދައިފައެވެ. މި ބަދަލު އަންނަ މަހު ބާއްވާ އިންތިޚާބުގައި ފެނިގެންދާނެއެވެ.

ސިޔާސީ މައިދާނުގައި އަންހެނުންގެ ކުރިއެރުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގެ އިންތިޚާބުތަކުގައި އެއް ޕާޓީއަކުން އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ވާދަކުރާނެ ޕާޓީއަކީ، ސަރުކާރު ތަމްސީލް ކުރައްވާ ޕީއެންސީއެވެ.

އަދުގެ ސަރުކާރުގެ އަމާޒަކީ، ހުރިހާ ދާއިރާއެއްގައިވެސް އެންމެ ޢާންމު މަސައްކަތުން ފެށިގެން ގޮތް ނިންމާ މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން ހިމެނުމެވެ. ޤައުމުގެ ކަންކަމުގައި ހުރިހާ ގިންތިއެއްގެ ހުރިހާ މިންތިއެއްގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޙަޤީޤީ މާނައިގައި ޤައުމުގެ ކަންކަން ނިންމުމުގެ ބާރު ޤައުމުގެ ރައްޔިތުންނަށް ދިނުމެވެ.