ޚަބަރު

ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް، އަގުތައް %25 އަށް އުފުލިއްޖެ


ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިތުރަށް ފުޅާވެ، މެދުއިރުމަތީގެ މަސްރަޙް ނުތަނަވަސްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އެއް ދުވަހުގެ ތެރޭގައި ރެކޯޑު މިންވަރަކަށް އުފުލިއްޖެއެވެ. މާރިޗު 9 ވަނަ ދުވަހުގެ ވިޔަފާރި ފެށުނުއިރު ތެލުގެ އަގު ވަނީ %25 އަށްވުރެ މައްޗަށް އުފުލިފައެވެ. މިއީ، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތެލުގެ އަގަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ފަދަ ބޮޑު ބަދަލެއް އައިސްފައިވާ ފުރަތަމަ ފަހަރެވެ.

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ. ރައްދުގައި އީރާނުން ވެސް ދަނީ ޔަހޫދީންނާއި އެމެރިކާގެ އަމާޒުތަކަށް ޙަމަލާ ދެމުންނެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި އުފައްދާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޛް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ވަނީ އިންތިހާއަށް ގޯސްވެފައެވެ. އަދި، އީރާނުން ވަނީ އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.

މީގެ ނަތީޖާއަކީ، ތެޔޮ އުފުލާ ބޯޓުފަހަރުގެ ދަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގަލްފުގެ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން މަޖުބޫރުވުމެވެ. ބާޒާރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑުތައް ކަމުގައިވާ ބްރެންޓް ކްރޫޑް ފިޔުޗަރސްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 117.65 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. މިއީ، 24.96 ޑޮލަރުގެ ބަދަލެކެވެ. އަދި، ޔޫއެސް ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިޔުޓީއައި)ގެ ފީފާއެއްގެ އަގު ވަނީ 116.62 އެމެރިކާ ޑޮލަރަށް މައްޗަށް ޖެހިލާފައެވެ. މިއީ، 25.72 ޑޮލަރުގެ ބޮޑުވުމެކެވެ.

އިޤުތިޞާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ހުރްމުޛް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ޢާންމު ޙާލަތަކަށް ނައިސް، ސަރަޙައްދީ ހަމަނުޖެހުންތަކަށް ޙައްލެއް ނުލިބޭ ނަމަ، ތެލުގެ އަގު މަތިވުމުގެ ނުރައްކާ ދެމިއޮންނާނެއެވެ. ޚާއްޞަކޮށް މެދުއިރުމަތީގެ ތެލަށް ބަރޯސާވާ އޭޝިއާގެ ޤައުމުތަކަށް މި ކަމުގެ ނޭދެވޭ އަސަރު ބޮޑުވާނެ ކަމުގައި ވުނަކުރުމުގެ ދާއިރާގެ އިސްތިރާޖީ މާހިރުން ލަފާކުރެއެވެ. މިހާރު ވެސް ޢިރާޤުގެ ތެޔޮ އުފެއްދުން %70 އަށް ދަށަށް ގޮސްފައިވާއިރު، ކުވަޔިތާއި ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުން ވެސް ތެޔޮ ރައްކާކުރާނެ ޖާގަ ހުސްވުމުގެ ސަބަބުން އުފެއްދުންތެރިކަން މަދުކުރަން މަޖުބޫރުވާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، އީރާންގެ އެންމެ މަތީ މުރުޝިދުގެ މަޤާމަށް މުޖްތަބާ ޙުސައިނީ އަލް-ޚާމަނާޢީ ޢައްޔަން ކުރުމަކީ، ހަނގުރާމަ ދެމިއޮތުމަށް އޮތް ފުރުޞަތެއް ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ސަބަބަކީ، މުޖްތަބާއަކީ އީރާންގެ ރޫހީ އެންމެ މަތީ މުރުޝިދުގެ މަޤާމުގައި ހުންނަވައިކޮށް ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން ޝަހީދު ކޮށްލާފައިވާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީގެ ދަރިކަލުން ކަމުގައި ވުމެވެ. މުޖްތަބާ އޭނާގެ ބައްޕާފުޅުގެ ސިޔާސަތުތައް ދަމަހައްޓަވާނެ ކަމަށް މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

މުޖްތަބާއަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލައިގަންނަވާނެ ބޭފުޅެއް ނޫނެވެ. މާނައަކީ، ހަނގުރާމަ ހުއްޓުމަކަށް ގެންނެވުމަށް ޓްރަމްޕް ދެކޮޅު ހެއްދެވުމެވެ. ޓްރަމްޕް އިސްވެ އީރާނަށް ޙަމަލާ ދެއްވާފައި ވަނީ އީރާންގެ ވެރިކަން ބަދަލު ކުރެއްވުމަށް ކަމުގައި ވިދާޅުވެއެވެ. އަދި، އީރާންގެ އެންމެ އިސް މުރުޝިދުގެ މަޤާމަށް ޢައްޔަން ކުރެވޭ ހުރިހާ ބޭފުޅުން ޝަހީދު ކުރާނެ ކަމުގައި ޔަހޫދީން ވަނީ އިންޒާރު ދީފައެވެ. މި ސަބަބުތަކާ ހުރެ ހަނގުރާމަ ދިގުލައިގެން ގޮސްފި ނަމަ، ތެލުގެ އަގު 130 ޑޮލަރަށް ވުރެ މައްޗަށް އުފުލިގެން ހިނގައިދާނެ ކަމުގައި މާހިރުން އިންޒާރު ކުރެއެވެ.