ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް އޮޑިވެރިންނަށް މިހާތަނަށް 51 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގުޅިގެން ހުޅުވާލާފައިވާ ލޯނަށް އެދުމަށް އަދުގެ ސަރުކާރުން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އެހެންނަމަވެސް އިތުރު ލުއިތަކާއެކު އަލުން ލޯނަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މިލޯނުގެ މަޤުޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާޢިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ހިންގާ ލޯނު ޕްރޮގްރާމެކެވެ. އަދި މަސްވެރިން ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭގޮތް މެދުވެރިކޮށްދީ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމަކީވެސް މީގެ މަޤްޞަދެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް 90 ފަރާތަކުން ލޯނަށް އެދިފައިވާކަމަށެވެ. މީގެތެރެއިން 45 ފަރާތެއްގެ ލޯނު ވަނީ އެޕްރޫވްކޮށްފައެވެ. އަދި މިހާތަނަށް އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް 51 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ލޮނުފެނުން މަސް ފިނިކުރެވޭ ނިޒާމް ގާއިމްކުރުމަށްޓަކައި ސަރުކާރުން ހުޅުވާލާފައިވަނީ ވަރަށް ލުއި ފެސިލިޓީއެއްކަމަށެވެ. މި ފެސިލިޓީ މިހާރު ގާއިމްކޮށްފައިވަނީ އޮޑިވެރިންގެ ކަންބޮޑުވުންތަކަށް ބަލައި އޮޑިވެރިންނަށް ފަސޭހައިން ލޯނަށް އެދެވޭނެގޮތައްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ޔަޤީން މިކުރަނީ އާރުއެސްޑަބްލިއު މި ސިސްޓަމް ދޯނިފަހަރުގައި ޤާއިމްކުރެވުނީމަ އެއިރުން ދެން ނުޖެހޭނެ އިތުރަށް ދުއްވައިގެން ލޭންޑް ބޭސްޑް ރަށްރަށުގައި ގާއިމްކުރެވިފައި މި ހުރި އައިސްޕްލާންޓްތަކަށް ދުއްވާކަށް. އެހެންވެއްޖެކަމަށްވަންޏާ ޔެތޮ އެއީ އެންމެ ބޮޑު ހޭދައެއް މަސްވެރިން ކުރަނީ ތެލަށް. ތެލަށް ކުރާ ހޭދަ އިރާދަކުރެއްވިއްޔާ އެހިސާބުން ވަރަށް ބޮޑަށް ކުޑަވެގެން އެދިޔައީ. އަނެއްކާ ރައީސުލްޖުމްހޫރިއްޔާ އޭގެ އިތުރު ޕްރޮގްރާމެއް މިވަނީ އިއުލާންކުރައްވާފައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރަން ބޭނުންވާ ހުރިހައި އޮޑިފަހަރެއްގައި އެ ފެސިލިޓީ އެޅުމަށް މަގުފަހިކޮށްދިނުމަކީ އަމާޒެއްކަމަށެވެ.
ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ބަލާ ކްރެޑިޓް ހިސްޓްރީ މިންގަނޑު 3 މަސް ދުވަހަށް ވަނީ ކުޑަކޮށްފައެވެ. މީގެ ކުރިން މި މުއްދަތު ބަލަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 (އެއް ލައްކަ) ރުފިޔާއިން ފެށިގެން 2،000،000 (ދެމިލިޔަން) ރުފިޔާއާ ހަމައަށް ލޯނުދޫކުރެއެވެ. މީގެކުރިން ހުޅުވާލި ފުރުސަތުތަކާއި ޚިލާފަށް އަލުން ހުޅުވާލި ފުރުސަތުގެ ދަށުން، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށް ފުރުސަތުވެސް ދެއެވެ. މިއާއެކު ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރު ލިބޭނެއެވެ.