ކުޅިވަރު

ނޭމާގެ ފިޓްނަސް ޗެކް ކުރަން ދާނީ އަންޗެލޯޓީ


ޖޫން މަހު ބާއްވާ ވޯލްޑް ކަޕް ކުޅޭ ބްރެޒިލް ޓީމުން ޖާގަ ހޯދަން މަސައްކަތް ކުރާ ފޯވަޑް ނޭމާ ޖޫނިއާގެ ފިޓްނަސް ޗެކް ކުރަން ކޯޗު ކާލޯ އަންޗެލޯޓީ ދާން ހަމަޖައްސައިފި އެވެ.

މިރޭ ބްރެޒިލްގައި ސަންޓޯސް އާއި މިރަސޯލް ކުޅޭ މެޗު އަންޗެލޯޓީ އާއި އޭނާގެ ކޯޗިން ޓީމުން ބަލަން ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް ބްރެޒިލްގެ މީޑިއާތަކުން ބުނަނީ އަންޗެލޯޓީ އޭނާގެ ސްކޮޑަށް އުމުރުން 33 އަހަރުގެ ތަޖުރިބާކާރު ފޯވަޑް ނަގާނީ ފިޓްނަސް އާއި އެ ނޫން ވެސް ގިނަ ކަންކަމަށް ބަލާފައި ކަމަށެވެ.

އަންޗެލޯޓީ ވަނީ އޭނާގެ ޓީމަށް ނަގާނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. މިހެންވެ ގާތްގާތުގައި އަނިޔާގެ މައްސަލަތައް ގިނަވެ، ފިޓްނަސް ގެއްލިފައި ހުރުމުން ނޭމާ އަށް ޓީމުން ޖާގަ ނުލިބޭނެ ކަމަށް ދިޔައީ ބެލެވެމުންނެވެ. ނަމަވެސް ކުއްލިއަކަށް އޭނާ އަށް ޖާގަ ލިބިދާނެ ކަމަށް ބެލެވުނީ ރެއާލް މެޑްރިޑްގެ ފޯވަޑް ރޮޑްރީގޯ އަށް އަނިޔާވުމުންނެވެ.

ނަމަވެސް ޓީމުގައި ހިމެނުމަށް ނޭމާއާ ވާދަ ކުރާ އަނެއް ކުޅުންތެރިއަކީ ޒުވާން ފޯވަޑް 21 އަހަރުގެ އެންޑްރިކެވެ. އޭނާ މިވަގުތު ހުރީ ވަރަށް ފޯމުގަ އެވެ. ނަމަވެސް ލޯނު އުސޫލުން ފްރާންސްގެ ލިއޯނަށް ކުޅޭ ފޯވަޑަށްވުރެ ނޭމާ އަށް ފުރުސަތު ލިބުން ގާތީ އޭނާ ޓީމުގައި ހިމެނުމަށް އެދޭ މީހުންގެ އަދަދު ގިނަވުމާއި ނޭމާގެ ސަބަބުން ކުރިމަތިވަމުން އަންނަ ޕްރެޝަރެވެ.

އަންޗެލޯޓީ ކުޅުންތެރިން ޓެސްޓު ކުރާނެ އެންމެ ފަހު މަރުހަލާ އަކަށްވާނީ މި މަހު ފްރާންސާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވަމުން އަންނަ ފޯވަޑް އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރު އެވެ. ބްރެޒިލްގެ މީޑިއާތަކުން ބުނާ ގޮތުގައި ފްރާންސާއި ކްރޮއޭޝިޔާ މެޗަށް ނޭމާ އަށް ފުރުސަތު ނުދީފިނަމަ އެއީ ވޯލްޑް ކަޕް ސްކޮޑަށް ނޭމާ ނުނަގާނެ ކަމުގެ ސާފު ހެއްކެކެވެ. އަދި ވޯލްޑް ކަޕުން ފުރުސަތު ނުލިބޭނަމަ 33 އަހަރުގެ ފޯވަޑް ފުޓްބޯޅަ ކުޅުން ހުއްޓާލުން ގާތް ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.