ޚަބަރު

އެފްއޭ ކަޕުގެ ކުއާޓަރގައި ސިޓީއާއި ލިވަޕޫލްގެ ކުރިމަތިލުމެއް


  • ކުއާޓަރގެ މެޗުތައް ކުޅޭނީ 4 އޭޕްރިލްގައި

  • މިއީ އެފްއޭ ކަޕުގައި މި ދެ ޓީމު ވާދަކުރާ އަށްވަނަ ފަހަރު

  • އެންމެފަހުން އެފްއޭ ކަޕުގައި ދެ ޓީމުގެ ކުރިމަތިލުމުން ލިވަޕޫލް ވަނީ ކުރިހޯދާފައި

އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގައި ވާދަވެރި މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެއެވެ.

އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގެ ގުރު ނަގާފައިވާއިރު ކުއާޓަރ ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރާނީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. މި މެޗު ކުޅޭނީ ސިޓީގެ އަމިއްލަ ދަނޑުގައެވެ.

އެފްއޭ ކަޕުގެ ކުއާޓަރގެ ޖާގައެއް ލިވަޕޫލުން ހޯދީ މުބާރާތުގެ ފަސްވަނަ ބުރުގައި ވުލްވްސްގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ. ސިޓީން ކުއާޓަރ އަށް ދަތުރުކުރީ ފަސްވަނަ ބުރުގައި ނިއުކާސަލްގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ. މި ދެ ޓީމުން މީގެކުރިން އެފްއޭ ކަޕުގައި ޖުމްލަ އަށް ފަހަރަށް ވާދަކޮށްފައިވެއެވެ.

އޭގެތެރެއިން ހަތަރު ފަހަރު ލިވަޕޫލް މޮޅުވެފައިވާއިރު ސިޓީ ވަނީ ދެ ފަހަރަށް މޮޅުވެފައެވެ. އަނެއް ދެ މެޗުވީ އެއްވަރެވެ. އެފްއޭ ކަޕުގައި މި ދެ ޓީމު އެންމެފަހުން ވާދަކުރީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު، މުބާރާތުގެ ސެމީ ފައިނަލުގައެވެ.

ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން 2-3 އިން ލިވަޕޫލް މޮޅުވިއިރު އެފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ލިވަޕޫލެވެ.

މި ފަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ އިތުރު މެޗުތަކަށް ބަލާލާއިރު، މި ސީޒަނުގެ އިނގިރޭސީ ލީގު ހޯދުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް އާސެނަލް އިން ނުކުންނަން ޖެހުނީ ސައުތެމްޕްޓަންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށެވެ. ޗެލްސީ ނުކުންނާނީ ތިންވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ޕޯޓް ވޭލްއާ ދެކޮޅަށެވެ.

ކުއާޓަރގެ ފަހު މެޗުގައި ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ ލީޑްސް ޔުނައިޓެޑެވެ.